ކުޅިވަރު

ރޭންކިން މެޗުގައި ބޫޓާން އަތުން މޮޅުވެ ރާއްޖެއަށް މުބާރާތް ނިމިއްޖެ


އޭޝިއާ ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓުމުން ކުޅުނު ނޮކައުޓް ބުރުގެ މެޗުގައި ބޫޓާން ބަލިކޮށް ރާއްޖެ މުބާރާތް ނިންމާލައިފިއެވެ.

ޖެނުއަރީ މަހުގެ 27 އިން ފެށިގެން ކުރިއަށްދާ މި މުބާރާތުގެ ނޮކައުޓް ބުރަށް ނުދިޔަ ހަ ޓީމު ރޭންކް ކުރަން ކުޅުނު ޕްލޭއޮފް މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވެފައިވަނީ 32 ލަނޑުންނެވެ.

މި މެޗުގައި ރާއްޖެ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ވަނީ 137 ލަނޑު ހަދާފައެވެ. އެެންމެ މޮޅު ކުޅުމެއް ކުޅުނީ ޔޫސުފް އަޒްޔާން ފަރުހަތެވެ. އެގޮތުން އޭނާ ވަނީ ނުބައިނުވެ 45 ބޯޅައިން 43 ލަނޑު ހަދާފައެވެ.

ޖަވާބުގައި ބޫޓާން ކުޅެން އަރައި 18.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭގެ އިބްރާހީމް ހަސަން ވަނީ ހަތަރު ވިކެޓް ނަގާފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ތިން މެޗުންވެސް މޮޅެއް ލިބިފައެއް ނުވެއެވެ. އެގޮތުން ބަލިވެފައިވަނީ ސިންގަޕޫރާއި، ޖަޕާން އަދި ތައިލެންޑް އަތުންނެވެ. ތައިލެންޑާ ވާދަކޮށް ބަލިވީ އަށް ވިކެޓުންނެވެ. އެ މެޗުގައި ރާއްޖެއަށް ގުރުދިމާވުމުން ކުޅެން އަރައި 20 އޯވަރުތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެ މެޗުގައި އަޒްޔާން ވަނީ ނުބައިނުވެ 56 ބޯޅައިން 66 ލަނޑު ހަދާފައެވެ. ނަމަވެސް ތައިލެންޑުން ވަނީ ޖަވާބުގައި ކުޅެން އަރައި އެންމެ 9.4 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 128 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތަށްފަހު ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ތައިލެންޑުގައި ބާއްވާ ސީރީޒްއެއްގައި ވާދަކުރާނެއެވެ. ހަތަރު ގައުމު ވާދަކުރާ މި ސީރީޒްގައި ރާއްޖެއާއެކު ހިމެނެނީ ސައުދީ އަރަބިއްޔާ އާއި، ބޫޓާނުގެ އިތުރުން ތައިލެންޑެވެ.