ކުޅިވަރު

ކަންކަން އިސްލާހުވާން ޖެހޭނީ މަތިން ތިރިއަށް: ލަތީފް


ރާއްޖޭގެ ކުޅިވަރުގައި ހުރި ގިނަ މައްސަލަތައް ހައްލުވެގެންދާނީ މަތިން ތިރިއަށް ކަންކަން އިސްލާހުކުރެވިގެން ކަމަށް ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ރާއްޖޭގެ ކުޅިވަރު ހިންގުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ ކުޅިވަރަށް ސިޔާސީ ނުފޫޒުފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކޮމިޝަނަރ އޮފް ސްޕޯޓްސް ހުރަދަނާވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކާވާގެ ރައީސް ކަމުގެ ދެވަނަ ދައުރު ފުރުއްވަމުން ގެންދަވާ ލަތީފް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކުލަބު ޖަމުއިއްޔާތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިދާރީ ހިންގުން ދޯދިޔާވެގެން ދިޔައީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާނުކުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އޭރެއްގައި އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ފަރާތުގެ ޒިންމާއަކީ ރާއްޖޭގެ ކުޅިވަރު ހިނގަމުންދަނީ ހަރުދަނާ އުސޫލެއްގެ ދަށުންކަން ކަށަވަރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"
އަހަރީ ރިޕޯޓު ހުދެމާއި، ފައިނޭންޝިއަލް ރިޕޯޓު ހެދުމާއި، އާންމު ޖަލްސާ ބޭއްވުމާއި، މިކަން ގާނޫނުގެ ތެރެއިން ހެދިފައިވާ ގަވާއިދު ސައްހަކޮށް ލިޔެވިފައި އެބަހުރި. އެހެންވީމަ މިކަންތައްތައް ހިނގާތޯ ނުހިނގާތޯ ބަލަން މޮނިޓަރ ކުރަން، ކަންކަން ގާނޫނާ އެގޮތަށް ކުރަން ހުންނަ މީހަކީ ކޮމިޝަނަރ އޮފް ސްޕޯޓްސް.
މުޙައްމަދު ލަތީފް - ކާވާގެ ރައީސް

ވޮލީބޯލް އެސީސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ކުރީގެ ރައީސް ލަތީފް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރ ކަންކަން މާބޮޑަށް ފަސޭހަކޮށްލުމުގެ ސަބަބުން ކުލަބު ޖަމުއިއްޔާތަކުން ކަންކަން ފަސޭހަކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، ކަންކަން ބޮއްސުލުން ލައިގެން ހައްލުނުކުރެވި ދަނީ އެހިސާބުން ކަމަށެވެ. އަދި ހަމައެކަނި އެސޯސިއޭޝަންތަކުގެ މެނޭޖުމަންޓާއި ހިންގުން ގޯސް ކަމަށް ބުނެ، ސްޕޯޓްސް ކޮމެޝިނަރަކަށް ނިންމާނުލެވޭނެ ކަމަށާއި، ޖަމުއިއްޔާތަކަށް އިންތިޚާބުވާ ހިސާބުން ހިންގަން ތިބި މީހުންނަށް ފަންނީ ތަމުރީންދީ ޕްރޮގްރާމުތައް ހިންގަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"
ފެޑެރޭޝަން މެނޭޖުމެންޓް ތަމުރީންތަކާއި، އެވެއާނަސް ޕްރޮގްރާމުތައް ހިންގަންޖެހޭ. ދެން މިކަން ކުރެވޭނީ މަތިން ތިރިއަށް ކަންކަން ރަނގަޅުވެގެން.
މުޙައްމަދު ލަތީފް - ކާވާގެ ރައީސް

ރާއްޖޭގެ ކުޅިވަރުގެ ހިންގުމުގައި ހުރި މައްސަލަތަށް ހައްލުނުވެ އޭގެ އުނދަގޫ ކުޅުންތެރިނަށް ފޯރަމުންދާ ކަމަށާއި، ހުރިހާ އެންމެވެސް މަސައްކަތް ކުރަން ޖެހޭނީ ކުޅުންތެރިންނަށްޓަކައި ކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.