ކުޅިވަރު

"އެފްއޭއެމް ސޭވްކުރާކަށް ބޭނުމެއް ނޫން، ދިވެހި ފުޓްބޯޅަ ސޭވްކުރުން މާ މުހިންމު"


ދިވެހި ފުޓްބޯޅައަށް މި ވަގުތު މުހިންމީ އެފްއޭއެމް ސޭވްކުރުން ނޫން ކަމަށާއި، އެންމެ ބޭނުންތެރި ގޮތަކީ ދިވެހި ފުޓްބޯޅަ ސޭވްކުރުން ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ނިޒާމް ވަނީ އެ ހަރަކާތުގެ މަަގުސަދާ މެދު ސުވާލު އުފައްދާފައެވެ. އެގޮތުން އެ ހަރަކާތް ދިވެހި ފުޓްބޯޅަ ސޭވްކުރަން ފެށިނަމަ އެކަމުގެ އެންމެ ކުރީ ސަފުގައި ހުންނާނެ ކަމަށް، އެކި އުމުރުފުރާތަކުގެ ގައުމީ ޓީމާއެކުވެސް މަސައްކަތްކުރި ނިޒާމް ބުންޏެވެ.

"
އަޅުގަނޑު މިއުޅެނީ އެފްއޭއެމް ސޭވްކުރާކަށް ނޫން، އެފްއޭއެމް އަތްދަށުލައި އަތުލަފިކުރުމުގެ ވިސްނުމެއް ނޫން ބޭނުންވަނީ. އަޅުގަނޑު ބޭނުންވަނީ ދިވެހި ފުޓްބޯޅަ، މިއަދު އަދި ބަޔަކު ދިވެހި ފުޓްބޯޅަ ނަމުގައި ހަރަކާތެއް ފެށިޔަސް އަޅުގަނޑު ދާނަން.
މުޙައްމަދު ނިޒާމް (ނިޒާމްބެ) - ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު

ކަންބޮޑުވުން އޮވެގެން ދިވެހި ފުޓްބޯޅައިގެ ތެރެއިން ބަޔަކު ނިކުތުން ފިޔަވައި ސޭވް އެފްއޭއެމް ހަރަކާތުން އޭނާއަށް ލިބުނު އެއްވެސް ހިތްހަމަޖެހުމެއް ނެތްކަމަށް ނިޒާމް ބުންޏެވެ. އެފްއޭއެމް ސޭވްކުރަން މިވަރުގެ މަސައްކަތްތަކެއް ކުރަނީ ކޮން މަގުސަދެއްގައިތޯ ނިޒާމް ވަނީ ސުވާލު އުފައްދާފައެވެ. އަދި އެއްވެސް މީހަކު ދިވެހި ފުޓްބޯޅަ ސޭވްކުރަން މަސައްކަތް ނުކުރާކަމުގެ ތުހުމަތުވެސް މީގެ ކުރިން ކުޅިވަރު ކައުންސިލްގެ މެންބަރުކަންވެސް ކުރި ނިޒާމް ވަނީ ކޮށްފައެވެ.

ނިޒާމް ބުނީ އެ ހަރަކާތުގައި އޭނާއަށް ކަމުނުދިޔައީ ސްލޯގަން ކަމަށާއި، ދިވެހި ފުޓްބޯޅަ ސަލާމަތުގެ އައްސޭރިޔަކަށް ދެވިގެން ނޫނީ އެފްއޭއެމްވެސް ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

"
އަޅުގަނޑަށް ވަރިހަމަ އެތާ ކޮންމެ މީހަކު ހުއްޓަސް ރަނގަޅަށް ކަންކުރާނަމަ. ރަނގަޅަށް ކަންކަން ދާނަމަ (އެފްއޭއެމް ހިންގާނަމަ) އަޅުގަނޑު ހުންނާނަން. ކީއްކުރަންތޯ އެފްއޭއެމް ސޭވްކުރަން އެންމެން މި ދުވަނީ؟ ދިވެހި ފުޓްބޯޅައެއް ނޫންތޯ ސޭވްކުރަން ދުވަންވީ. އޭރަށް ހުންނާނީ އެފްއޭއެމްވެސް ސޭވްވެފައި، ދެން ހުރި އެއްޗެއްވެސް ސޭވްވެފައި.
މުޙައްމަދު ނިޒާމް (ނިޒާމްބެ) - ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު

ނިޒާމް ބުނީ އޭނާގެ ޚިދުމަތަކީ ގައުމުގެ ވަކި ފަރުދަކަށް އަމާޒުކޮށްގެން ފޯރުކޮށްދޭ ޚިދުމަތެއް ނޫން ކަމަށާއި، އޭނާގެ ޚިދުމަތް ގުޅިފައިވަނީ ދިވެހި ފުޓްބޯޅައާ ކަމަށެވެ.