ޚަބަރު

އަލިރަސްގެފާނުގެ ޖިހާދުން ގޮވާލަނީ ދިވެހިން ދިވެހިންގެ ސަލާމަތް ހޯދުމަށް: ރައީސް


  • އަލިރަސްގެފާނުގެ ޖިހާދުން އަދުގެ ޒުވާނުން އެތައް އިބުރަތެއް ޙާސިލްކުރަން ޖެހޭ

  • ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން ގޮވާލާ

ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ ދިވެހިން ދިވެހިންގެ ސަލާމަތް ހޯދުމަށް އަލިރަސްގެފާނުގެ ޖިހާދުން ގޮވާލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ދުވަހުގެ ތަޙުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދުގެ ޙާދިސާއަކީ ދިވެހިންނަށް އެތައް ގޮތަކުން ފިލާވަޅުތަކާއި އިބުރަތް ލިބޭ ޙާދިސާއެއްކަމަށެވެ.

ރައީސް ވިދާޅުވީ ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަތުމަށް މަގުފަހިކުރުވި މި ޙާދިސާގައިވެސް ފެނިގެންދިޔައީ، އަމިއްލަ އެދުމާއި ދިވެހީން ދިވެހި ޤައުމަށް ޚިޔާނާތްތެރިވުންކަމަށެވެ. އަދި ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތާއި، އެމީހުންގެ ހީލަތްތެރި ރޭވުން މިހާދިސާއިން ފުރިހަމައަށް ފެންނަކަމަށެވެ. މި ހާދިސާއިން ފެންނަނީ ދިވެއްސެއްގެ އެދުމަށް ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށް، ނަމަވެސް އާޚިރުގައި އެއްވެސް ފައިދާއެއް އެމީހުންނަށް ނުލިބި މާތްﷲ ޙައްޤަށް ނަސްރު ދެއްވި މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިގޮތަށް ދިވެހި ޤައުމު އަޅުވެތިކުރަން އުޅުނު ކޮންމެ ފަހަރެއްގައި، ދިވެހިންގެ ތެރެއިން ބަޠަލުންތަކެއް ނުކުމެ ކުރި ޖިހާދުގެ ހަނދާން އަބަދުމެ އާކުރަންޖެހޭކަމަށެވެ. މި ހާދިސާއިން ފެނުނީ އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، ޤައުމާމެދު އޮތް ލޯތްބާއި ހިތްވަރުފުޅު ގަދަކަމާއި ދަޢުލަތަށް ހުރި ވަފާތެރިކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ބަޠަލު، އަލިރަސްގެފާނުގެ ޖިހާދުން އަދުގެ ޒުވާނުން އެތައް އިބުރަތެއް ޙާސިލްކުރަން ޖެހޭކަމަށެވެ. އެގޮތުން ޒުވާންކަމުގެ އޮއިވަރުގައި ޖެހި ދީނާއި އަމިއްލަ ޤައުމު ފަހަނަ އަޅާ ނުދިއުމަށް މިހާދިސާއިން ނަސޭހަތްތެރިވާކަމަށް ވިދާޅުވިއެވެ.

"އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުޚާޠަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ. ހަޤީޤަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ޙައްޤަށް ނަޞްރުދެއްވާނެކަން. އެއީ ބިމުގެ ކުޑަ ކަމަކާ އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕޯޗްގީޒުން މާލެއަށް އެރުމުގެ ފުރުޞަތު ލިބުނީ، މާލޭގައި އާއްމުންގެ ތެރޭގައި ފިތުނަވެރި ބައެއް ވާހަކަތައް ފެތުރި، އެ ފިތުނައިގެ ވާހަކަތައް ފޭދި ދިވެހިން އަމާންދިނުމުންކަމަށެވެ. އަދި ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުމަށް މަސައްކަތްކުރި މި ޙާދިސާގައި، ދިވެހިންގެ ރަށްތަކެއްވެސް އެމީހުންގެ އަޅުވެތިކަމަށް ގެންދިޔަކަމަށެވެ. ނަމަވެސް ކާބަފައިން އެރަށްރަށް އަލުން ދިވެހިންނަށް ހޯއްދަވައިދެއްވީކަމަށެވެ. ރައީސް ވިދާޅުވީ ބޮޑުވަމުން އަންނަ ޖީލަށް މިވާހަކަތައް ކިޔައިދީ، ދަރީންގެ ކިބައިގައި މިސިފަތައް އަށަގަންނުވަންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ ހަމައެގޮތަށް، މިއަދުގެ ސަރުކާރުވެސް ވެގެންދަނީ ދިވެހިންގެ މިނިވަންކަމަށް އެހެން ބޭރުގެ ބާރަކުން ކުޅުމުގެ ފުރުޞަތު ނުދޭނެ ސަރުކާރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ހުއްޓާނުލާ މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

" އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ޙާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައިވަނީ ޤައުމަށް ތެދުވެރިވުމަށާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތައި ދަޢުލަތަށް ވަފާތެރިވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.