ޚަބަރު

ދައުލަތަށް ލިބެންޖެހޭ 7.8 ބިލިއަން ރުފިޔާ ނުލިބި އެބަހުރި: މީރާ


  • ޓެކްސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 4.8 ބިލިއަން ރުފިޔާ ނުލިބި އެބަހުރި

  • ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 2.9 ބިލިއަން ރުފިޔާވެސް ނުލިބޭ

  • މާފްކޮށްދިން ޖޫރިމަނާގެ ޖުމްލަ އަދަދު 36.7 މިލިއަން ރުފިޔާއަށް އަރާ

ޓެކްސްއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 7.8 ބިލިއަން ރުފިޔާ މިހާތަނަށް ލިބިފައިނުވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ނެރެފައިވާ މިދިޔައަހަރުގެ ފަހު ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން އެއަހަރުގެ ނިޔަލަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް ލިބެންޖެހޭ 7.8 ބިލިއަން ރުފިޔާގެ ތެރެއިން 4.8 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 2.9 ބިލިއަން ރުފިޔާވެސް ނުލިބޭކަމަށް މީރާއިން ހާމަކުރެއެވެ.

ޓެކްސްގެގޮތުގައި ނުލިބިހުރި ފައިސާގެ ތަފްސީލް

އިންކަމް ޓެކްސް – 790 މިލިއަން ރުފިޔާ
ޓީ.ޖީ.އެސް.ޓީ – 1.1 ބިލިއަން ރުފިޔާ
ޖީ.ޖީ.އެސް.ޓީ – 2.2 ބިލިއަން ރުފިޔާ
އެހެނިހެން ޓެކްސް – 771 މިލިއަން ރުފިޔާ
ޖުމްލަ – 4.8 ބިލިއަން ރުފިޔާ

ޓެކްސް ނޫން އާމްދަނީން ނުލިބި ހުރި ފައިސާ

ރިސޯޓުތަކުގެ ކުލި – 2.8 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީ (އެހެނިހެން) – 165 މިލިއަން ރުފިޔާ
ޖުމްލަ – 2.9 ބިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ނުލިބި ހުރި ފައިސާ

ޓެކްސްގެގޮތުގައި ނުލިބިހުރި ފައިސާ – 1.3 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީން ނުލިބިހުރި ފައިސާ – 109 މިލިއަން ރުފިޔާ
ޖުމްލަ - 1.4 ބިލިއަން ރުފިޔާ

ހަތަރުވަނަ ކުއާޓަރުގައި 2290 މައްސަލައެއްގައި މީރާއިން ވަނީ ޖޫރިމަނާ މާފްކޮށްދީފައެވެ. އެގޮތުން މާފްކޮށްދިން ޖޫރިމަނާގެ ޖުމްލަ އަދަދު 36.7 މިލިއަން ރުފިޔާއަށް އަރައެވެ.

ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، މީރާއިން ދަނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން މީރާއިން ދަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށް، އެފަދަ ބައެއް މައްސަލަތައް ކޯޓަށްވެސް ހުށަހަޅަމުންނެވެ. އަދި މިގޮތަށް ކުރެވުނު މަސައްކަތުން މިދިޔަ ކުއާޓަރުގައި މީރާއިން ވަނީ 803.9 މިލިއަން ރުފިޔާ ހޯދާފައެވެ.