ކުޅިވަރު

ގަތަރުން އޭޝިއާގެ ޗެމްޕިއަންކަން ދިފާއުކޮށްފި


އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ޖޯޑަން ބަލިކޮށް، މުބާރާތް ބޭއްވި ގަތަރުން ތަށި ދިފާއުކޮށްފިއެވެ.

2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗުވެސް ކުޅުނު ލުސައިލް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ގަތަރު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

86،492 ކުޅިބެލުންތެރިންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގަތަރުގެ އަކްރަމް އަފީފް ހެޓްރިކް ހެދިއިރު، އޭނާ ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީތަކުންނެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ގަތަރުން ލީޑު ނެގީ އަފީފް ކާމިޔާބުކުރި ޕެނަލްޓީންނެވެ.

އެކަމަކު މެޗުގެ 67 ވަނަ މިނެޓުގައި ޖޯޑަންއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަޒާން އަލް-ނައިމަތެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން އަފީފް ވަނީ އަލުން ގަތަރަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އަފީފް ވަނީ ގަތަރަށް މުބާރާތުގެ ތަށި ދިފާއުކޮށްދީފައެވެ.

މި މެޗުގައި އަފީފް ހެޓްރިކް ހެދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ. އެގޮތުން މި މުބާރާތުގައި އަފީފް ވަނީ ޖުމްލަ އަށް ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ ފައިނަލުން ޖޯޑަން ބަލިވި ނަމަވެސް، މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޖޯޑަންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޓީމު ފައިނަލަށް ދަތުރުކުރިއިރު، ޖޯޑަންއިން ވަނީ ސެމީ ފައިނަލުގައި ވަރުގަދަ ދެކުނު ކޮރެއާވެސް ބަލިކޮށްފައެވެ.