ޚަބަރު

ޙައްޖު ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ސްކޭމް ކޯލުތަކެއް، ސަމާލުވޭ


  • ކޯލުތައް ކުރަމުންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި

  • މި ކޯލުތަކުގައި އަމިއްލަ ފަރުދެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެދޭ

  • ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކުރަން ނޭދޭނެ

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ފައިސާ ޖަމާކުރުމަށް އެދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ފޯން ކޯލުތަކަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ނަމުގައި ފަހަކަށް އައިސް ޙައްޖާއި ގުޅުވާގެން ސްކޭމް ކޯލުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ކޯލުތަކުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމަށްޓަކައި ފައިސާ ޖަމާކުރުމަށް އެދެމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. ހަމައެއާއެކު ފައިސާ ޖަމާކުރުމަށް އެދެނީ އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ކަމަށާއި އަމިއްލަ ފަރުދެއްގެ އެއްވެސް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ޙައްޖު ކޯޕަރޭޝަނުން ނާންގާނެކަމަށްވެސް، އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާދައްކަން ޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައިވާ ބޭންކު އެކައުންޓުތަކަށް އެކަނި ކަމަށެވެ.

މި ފަހަކަށް އައިސް ބީއެމްއެލްއާއި އެޗްޑީސީ ފަދަ ތަންތަނުގެ ނަމުގައި އޯޓީޕީ ހޯދުމަށް ވެސް ބައެއް ފަރާތްތަކަށް މެސެޖުތައް ފޮނުވަމުންދެއެވެ. އެފަދަ އޮޅުވާލުންތަކުގެ ޒަރިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތު ހޯދުމާއި ފައިސާ ހޯދުމަށް ފޯނުން ގުޅުމާއި މެސެޖުކުރުން ވަނީ ޢާންމުވެފައެވެ.