ޚަބަރު

ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ތަރައްޤީ ވަނީ ހުއްޓިފައި


ސިޔާސީ ޙަރަކާތްތަކާއި، ސިޔާސީ ކަންކަމަށް ވިސްނުން ބެހެއްޓުމުގެ ސަބަބުން ވޭތުވެދިޔަ 10 އަހަރު ރާއްޖެއަށް ލިބެންވާ ތަރައްޤީ ނުލިބި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެތަކެއް މަޝްރޫއުތަކަކުން ދިވެހި ރައްޔިތުން މަޙްރޫމް ވެފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި، އެނޫންވެސް މުއައްސާސަތައް އެކަށީގެންވާ ގޮތުގައި ޙަރަކާތްތެރިވެވުނުނަމަ ދިވެހިރާއްޖޭގެ އިގްތިޞާދުވެސް މިހާރު ވަރަށް ބޮޑުތަން ކުރިއަރައިގެން ދާނެކަމަށެވެ. އެގޮތުން މިމުއްދަތުގެ ތެރޭގައި ކޮންމެ ބޮލަކަށް ފަނަރަހާސް ޑޮލަރަށްވުރެ މައްޗަށް ޖެހުނީސްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިފަދަ ގޮންޖެހުންތަކުން އަރައިގަނެ ހުރިހާ ރަށަކަށްވެސް ހަމަ ހަމަކަމާއެކު ތަރައްޤީ ގެނައުމަށް ކަމަށްވާއިރު، މިފަދަ ކަންކަމުގައި ޒުވާނުން އިސްނަގައި، މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ފުރުޞަތު ދެއްވުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިފާނުގެ ސަރުކާރުގައި މާލޭ ރައްޔިތުންނާއި، ރަށްރަށުގެ ރައްޔިތުންނަށް ތަފާތުކުރުމެއް ނޯންނާނެ ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހުޅުމާލޭ ޔޫތު ސިޓީގެ ގޮތުގައި ތަރައްޤީކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޒުވާނުންނަށް ހަމަހަމަ ފުރުޞަތު ދެއްވުމަށްކަމަށެވެ. އަދި ވަރަށް އަވަހަށް ގދ. ތިނަދޫގައި ހުވަދޫ ސަރަޙައްދަށް ޚާއްޞަކުރައްވައިގެން ވަރަށް ބޮޑަތި މަޝްރޫއުތަކެއްގެ ފެށިގެންދާނެކަމަށް ރައީސް ޔާމީން އިޢުލާންކުރެއްވިއެވެ.