ކުޅިވަރު

ފޯރިގަދަ ސްކޫލުތަކުގެ އެތުލެޓިކްސް މުބާރާތަށް އައްޑޫ ސިޓީ ތައްޔާރު


ޖުމްލަ 31 ސްކޫލަކާއެކު މި އަހަރުގެ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް މާދަމާ އައްޑޫ ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމުގައި މި މުބާރާތް ބާއްވާއިރު، ވާދަކުރާ ސްކޫލްތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ ތެރެއިން ގިނަ ސްކޫލް ޓީމުތައް މިހާރުވަނީ އައްޑުއަށް ގޮސްފައެވެ.

މާދަމާއިން ފެށިގެން މި މަހުގެ 16 އާ ހަމައަށް ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖޭގެ ހަތް ސަރަހައްދަކުން ސްކޫލުތައް ވާދަކުރެއެވެ. އަދި މުބާރާތް ބާއްވާ އައްޑޫ ސިޓީން 10 ސްކޫލެއް ވާދަކުރާއިރު، 500 އެއްހާ އެތުލީޓުން ވާދަކުރާނެއެވެ.

މާލެއިން ޖުމްލަ އަށް ސްކޫލަކުން 32 އެތުލީޓުން މި މުބާރާތުގައި ވާދަކުރާއިރު، އއ. އަތޮޅުން އެއް ސްކޫލުން 21 އެތުލީޓުން ވާދަކުރެއެވެ. ހދ. އަތޮޅުގެ ތިން ސްކޫލަކުން 15 އެތުލީޓުން ވާދަކުރާއިރު، ގދ. އަތޮޅުގެ ދެ ސްކޫލަކުން 45 އެތުލީޓުން ވާދަކުރެއެވެ. އަދި ގއ. އަތޮޅުގެ ދެ ސްކޫލަކުން 59 އެތުލީޓުން ވާދަކުރާއިރު، ފުވައްމުލަކު ސިޓީގެ ފަސް ސްކޫލަކުން 211 އެތުލީޓުން ވާދަކުރެއެވެ.

އައްޑޫ ސިޓީގެ ސްކޫލުތައް ފިޔަވައި އެހެން ސްކޫލްތަކުން ޖުމްލަ 383 އެތުލީޓުން ވާދަކުރާއިރު، މި އަހަރުގެ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ބާއްވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ.