އިނގިރޭސިވިލާތުގައި ކުރިއަށްދާ ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް، 200 މީޓަރު އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރިކޯޑު މިރާލް އައިން ލަތީފް އައުކޮށްފިއެވެ.
200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރިކޯޑު މިރާލް އައުކޮށްފައިވަނީ 02:50.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އަދި، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރިކޯޑު އާކޮށްފައިވަނީ 06:09.10 އިން ރޭސް ނިންމައިގެންނެވެ.
މީގެތެރެއިން 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް މިރާލްއެވެ. މިދިޔަ އަހަރު ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މިރާލް މި އިވެންޓް ފުރިހަމަކޮށްފައިވަނީ 06:17.47 އިންނެވެ.
އަދި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2024 ގައި އަމްނާ ތަޒްކިޔާ މިރުޞާދެވެ. ތަޒްކިޔާ އެ ފަހަރު މި އިވެންޓް ނިންމާފައިވަނީ 02:53.20 އިންނެވެ.
މީގެ އިތުރުން ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް އަންހެނުންގެ ލޯންގްކޯސް 200 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު ތަޒްކިޔާ ވަނީ އައުކޮށްފައެވެ. މި އިވެންޓް ތަޒްކިޔާ އައުކޮށްފައިވަނީ 02:53.20 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އެންމެފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ސްޕީޑޯ ތައިލޭންޑް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އާމިނަތު ޝަޖަންއެވެ. އެ ފަހަރު ޝަޖަން މި އިވެންޓް ނިންމާފައިވަނީ 02:54.36 އިންނެވެ.