ޚަބަރު

އިންޑިއަން އޯޝަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މި އަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރޭލިއާގެ ޕާރތް ސިޓީގައި

  • ރާއްޖޭގެ ސްޓޭޓް މިނިސްޓަރ ވަނީ އެކި ޤައުމުތަކުގެ މިނިސްޓަރުންނާއި ބައްދަލުކުރައްވާފަ

  • މި އަަހަރުގެ ކޮންފަރެންސްގައި ގިނަ ޤައުމުތަކަކުން ވަނީ ބައިވެރިވެފަ

އިންޑިއަން އޯޝަން ކޮންފަރެންސްގައި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނސްޓަރ ޝެރީނާ ސަމަދް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިއީ 7ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްއެވެ.

މިއަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރޭލިއާގެ ޕާރތް ސިޓީގައެވެ. މި މަހުގެ 9އިން 10ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދުގެ ގިނަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ. މި ކޮންފަރެންސްގައި، ކޮންމެ ޤައުމެއްގެ ވެސް ސަރަޙައްދީ ރައްކާތެރިކަމާއި، ޤައުމުތައް އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހެގޮތުން އަންނަނީ މަޝްވަރާކުރައްވަމުންނެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ސަމަދް ވަނީ ވިއެޓްނަމްގެ ޑެޕިއުޓީ ފޮރިންގ މިނިސްޓަރ ޑރ.ގުޔެން މިންހް ވޫއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި ވިއެޓްނާމާ ދެމެދު އޮންނަ ގުޅުން އިތުރަށް ފުޅާކޮށް، ދެގައުމުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން، ސްޓޭޓް މިނިސްޓަރ ވަނީ ސްރީ ލަންކާގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އަލީ ސަބްރީ އާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއާއި ސްރީ ލަންކާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.