ޚަބަރު

ސަރުކާރުން ހަދިޔާކުރާ ކާޑު ހޯދަން ރަޖިސްޓްރީވާކަށް ނުޖެހޭނެ: އާދަމް ޝަރީފް


  • ސަރުކާރުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނެ

ރޯދަމަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވާތްތައް ރަޖިސްޓްރީނުވެ، ލިބޭނެ ގޮތް ހަދައިދޭނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ ސަރުކާރުން ހަދިޔާ ކުރާ ކާޑުގެ ބާވަތްތައް ބޭނުންވާ ގޭބިސީތަކުން ޕޯޓަލްއެއްގައި ރަޖިސްޓްރީވާންޖެހޭކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވީ ކާޑު ހޯދަން ރަޖިސްޓްރީ ވާން ނުޖެހޭނެކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ހަދިޔާ ކުރާ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ނުވެ މާލޭގެ ގޭބިސީތަކަށްވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށެވެ.

ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ..