ޚަބަރު

އެއަރ ކާގޯ ކްލިއަރެންސް ނިޒާމު އޮޓޮމޭޓުކޮށްފި، 2 ދުވަހުން ކުރި މަސައްކަތް 2 ގަޑިއިރަށް


  • ކާގޯ މުދަލުގެ ވެރިފަރާތުގެ މަޢުލޫމާތު ޗެކްކުރާނީ ޕޯޓަލެއްގެ ތެރެއިން

  • ކުރިން އޮންނަ ގޮތުން، މުދާ ކްލިއަރވާން 2 ދުވަސް ނަގާ

ވައިގެ މަގުން ގެންނަ މުދާ ކްލިއަރކުރުމުގެ ނިޒާމު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޮޓޮމޭޓުކޮށްފިއެވެ.

އެއަރ ކާގޯ ކްލިއަރެންސްގެ ނިޒާމު އޮޓޮމޭޓުކުރުން އިފްތިތާޙުކޮށްދެއްވުމަށްފަހު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މީގެ ކުރިން ކަސްޓަމްސްއިން މުދާ ކްލިއަރކުރަން، ދެ ދުވަސް ނަގާ ކަމަށާއި، ނަމަވެސް، މިނިޒާމު އޮޓޮމޭޓް ކުރުމާއެކު، މިޚިދުމަތް ދެ ގަޑިއިރު ތެރޭ ރައްޔިތުންނަށް ލިބޭނެކަމަށެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ނިޒާމު މިގޮތަށް ތަރުތީބުވެގެން ދިޔަކަމީ ރައީސްގެ މެންޑޭޓު ހާސިލްވަމުން އަންނަކަން ދޭހަކޮށްދޭކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ، ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް އަވަހަށް ގާތުން ޚިދުމަތް ދިނުން. އަވަހަށް ޚިދުމަތްތައް ތަރުތީބުވެގެން ދިޔުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެންޑޭޓު ހާސިލްވެގެން ދިޔުންކަމުގައި އަޅުގަނޑު ޤަބޫލުކުރަން." ވަޒީރު އިހްސާން ވިދާޅުވިއެވެ.

އެއަރ ކާގޯ ކްލިއަރެންސްގެ ނިޒާމު ކުރިން އޮންނަގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ސިމާޙް ވިދާޅުވީ މީގެ ކުރިން ކާގޯ ކްލިއަރެންސްގެ ޚިދުމަތް ދީފައިވަނީ ދުވަސްވީ ނިޒާމެއްގެ ތެރެއިން ގިނަ މުއައްސަސާތަކެއް އެކުލެވިގެން ކަމަށެވެ. އަދި މިނިޒާމުގެ ތެރެއިން ވަރަށް ގިނަ ކަރުދާހީ މަސައްކަތްތަކެއް ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މުދާ ނެރެން ކަސްޓަމްސްއަށް ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ލިބުމާއި ހަމައަށް ނަގާނީ 3 ސިކުންތު. އަދި ޖުމްލަ ހައްލަކަށް، މުދާ ކްލިއަރކުރުމުގެ ނިޒާމު ފުރިހަމަވުމަށް ކުރިން 2 ދުވަސް ނެގި ނަމަވެސް، މިހާރު ނަގާނީ 2 ގަޑިއިރު." ސިމާޙް ވިދާޅުވިއެވެ.

ސިމާޙް ވިދާޅުވީ އިފްތިތާޙް ކުރެވުނު އޮޓޮމެޓިކް ނިޒާމުގެ ތެރެއިން މުދާ ނަގާއިރު އެމްއޭސީއެލްއިން ދޭ ނަންބަރެއް، ކަސްޓަމްސްގެ ޕޯޓަލްއެއްގައި ޖަހާލުމުން ޕޯޓަލްގެ ތެރެއިން، މަޢުލޫމާތު ޗެކްކޮށް މުދާ ދެވޭނެކަމަށެވެ. އަދި ކުރިންކުރި ކަރުދާހީ މަސައްކަތްތަކާއި، މެނުއަލްކޮށް، މުދަލުގެ ވެރިޔާގެ މަޢުލޫމާތު ރަނގަޅުތޯ ބެލި ބެލުން މިހާރު ކުރިއަށްދާނީ އޮޓޮމެޓިކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

މުދާ ކްލިއަރ ކުރުމުގެ ނިޒާމު އޮޓޮމޭޓުކޮށްފައިވާއިރު، މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އައު ކާގޯ ޓަރމިނަލެއްވެސް ހުޅުވާދެއްވާފައެވެ. މި ކާގޯ ޓާމިނަލަކީ ކުރިން ހުރި ޓާމިނަލަށްވުރެ، 2 ގުނަ ބޮޑުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ކާގޯ ޓަރމިނަލަކެވެ.