މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕުގެ ސެމީ ފައިނަލް މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ލަނޑާއެކު އިރާން ބަލިކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ގަތަރު ޖާގަ ހޯދައިފިއެވެ.
އިއްޔެ ކުޅުނު މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު ގަތަރު ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ގަތަރު ފައިނަލަށް ގެންގޮސްދިން ލަނޑު މެޗުގެ އެންމެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ފޯވަޑް އަލްމޮއެޒް އަލީއެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ގަތަރާއި ޖޯޑަން އެވެ. މިއީ އީރާނަށް ހިތްދަތި ނަތީޖާއެކެވެ. ޖުމްލަކޮށް ޒުވާން ސްކޮޑަކާއެކު މުބާރާތާ ކުރިމަތިލި އީރާން ވަނީ މި މުބާރާތުގައި މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.
މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އީރާނުންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސަރްދާރު އަޒްމޫނެވެ. ގަތަރުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 17 ވަނަ މިނިޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޖާސެމް ގާބެރް އަބްދުލްސަލާމެވެ. ފަހަތުން އަރާ ގަތަރުން ލީޑު ނެގި ލަނޑު ކާމިޔާބުކޮށްދިނީ އަކްރަމް އަފީފެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އީރާނުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަލީރެޒާ ޖަހަންބަކްޝް އެވެ. މެޗުން ގަތަރު މޮޅުވި ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަލްމޮއެޒް އެވެ.
އަލްމޮއެޒް ވަނީ 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕުގައިވެސް ގަތަރަށް މޮޅު ކުޅުމެއް ކުޅެދީފައެވެ. އޭނާ ވަނީ ނުވަ ލަނޑު ޖަހާފައެވެ. ނަމަވެސް މި މުބާރާތުގައި މިހާތަނަށް އޭނާއަށް ޖެހިފައިވަނީ ދެ ލަނޑެވެ.
އީރާނުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އީރާންގެ ސޮޖާއޭ ހަލީލްޒާދެހް އަށް ރަތްކާޑު ދެއްކުމުންނެވެ.
ގަތަރާއި ޖޯޑަން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ އެވެ.