އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މެޗުގެ ބާކީބައި ނުކުޅެން ކުޑަ ހެންވޭރުން އެދުމުން، މެޗު މެދުކަނޑާލިއިރު އޮތް ނަތީޖާއާއެކު މެޗު ނިންމާލުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ބާކީ ހަތް މިނެޓު އޮއްވައި މެޗު ހުއްޓާލިއިރު، 3-1 ގެ ނަތީޖާއަކުން ވިކްޓަރީ އޮތީ ކުރީގައެވެ.
މި މެޗުގެ ކުޅުން ހުއްޓާލީ ފަހު ވަގުތުގައި ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަ ހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު މައްސަލައެއް ޖެހުމާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ. މި ހަމަނުޖެހުމުގައި ވިކްޓަރީގެ ކޯޗު ސޮބާހު މުޙައްމަދުގެ އިތުރުން ދެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެ މައްސަލަ ހައްލުކުރުމަށްފަހު މެޗު ފަށަން ނިންމި ނަމަވެސް، އިރުއޮއްސި ދަނޑު އަނދިރިވެފައި އޮތުމުން އިތުރަން ކުރިއަށް ދެވޭނެ ހާލަތެއް ނެތް ކަމަށް ބަލައި މެޗު ވަނީ ހުއްޓާލާފައެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ނިންމީ އެ މެޗު ހުއްޓާލި ހިސާބުން ފަށައިގެން މާދަމާ ހަވީރު މެޗު ކުރިއަށްގެންދިޔުމަށެވެ. އަދި އެ މެޗަށް ސަޕޯޓަރުންނަށް ދަނޑަށް ވަނުން މަނާވާނެ ކަމަށްވެސް މުބާރާތާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޮމިޓީން ވަނީ އެ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުން ވަކި މައްސަލައެއްގެ ގޮތުގައި ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅަންވެސް ނިންމާފައެވެ.
އެކަމަކު ކުޑަ ހެންވޭރުން ފަހުން ވަނީ އެ މެޗުގެ ބާކީބައި ނުކުޅެ، މެޗު މެދުކަނޑާލިއިރު އޮތް ނަތީޖާއާއެކު މެޗު ނިންމާލުމަށް އެދި އެފްއޭއެމަށް ސިޓީއެއް ހުށަހަޅާފައެވެ. އެއާއެކު މުބާރާތާ ބެހޭ ކޮމިޓީގެ އިއްތިފާގުން ވަނީ ކުޑަ ހެންވޭރުގެ އެދުމާ އެއްގޮތަށް ކުރިއަށްދިޔުމަށް ނިންމާފައެވެ.
އެހެންކަމުން 3-1 ގެ ނަތީޖާއަކުން ކުޑަ ހެންވޭރު ބަލިކޮށް ވިކްޓަރީ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލުގައި އަންނަ ހޯމަ ދުވަހު ވިކްޓަރީ ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެވެ.