ޚަބަރު

ބީއެމްއެލްގެ ނަމުގައި އެކައުންޓް ރީ-އެކްޓިވޭޓް ކުރަން ލިންކްތަކެއް؛ ސަމާލުވޭ


  • ބޭންކުން ވަނީ މި ލިންކުތަކަށް ނުފިއްތުމަށް އިލްތިމާސްކޮށްފައި

  • ލިންކަށް ފިއްތާލުމުން މީހާގެ ޒާތީ މަޢުލޫމާތު ލިންކް ފޮނުވާ ފަރާތަށް ލިބޭނެ

އެކައުންޓް ރީ-އެކްޓިވޭޓުކުރުމަށް ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ލިންކްތަކެއް ފޮނުވަމުންދާތީ މިކަމަށް ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ.

މިލިންކަށް ފިއްތާލުމުން، އެފިއްތާލާ މީހެއްގެ ޒާތީ މަޢުލޫމާތު ލިންކު ފޮނުވާ މީހާއަށް ލިބެއެވެ.

ބީއެމްއެލްއިން ބުނީ އެކައުންޓެއް ރީ-އެކްޓިވޭޓް ކުރެވޭނީ އެ ބޭންކުގެ ނަންބަރަށް ގުޅައިގެން ނުވަތަ ބޭންކަށް ގޮސްގެން ކަމަށެވެ. އެހެންކަމުން އެކައުންޓް ރީ-އެކްޓިވޭޓްކުރުމަށް އެދި ކަސްޓަމަރުންނަށް އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އަދި މިފަދަ ލިންކްތަކަށް ސަމާލުވުމަށް އެބޭންކުންވަނީ އިލްތިމާސްކޮށްފައެވެ.

މިފަހަކަށް އައިސް ބީއެމްއެލް އާއި އެޗްޑީސީ ފަދަ ތަންތަނުގެ ނަމުގައި އޯޓީޕީ ހޯދުމަށްވެސް ބައެއް ފަރާތްތަކަށް މެސެޖުތައް ފޮނުވަމުންދެއެވެ. މިފަދަ އޮޅުވާލުންތަކުގެ ޒަރިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތު ހޯދުމާއި، ފައިސާ ހޯދުމަށް ފޯނުން ގުޅުމާއި، މެސެޖުކުރުން މިފަހަކަށް އައިސްވަނީ ވަރަށް އާންމުވެފައެވެ.