ޚަބަރު

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުންކުރާ މަސައްކަތަށް އައިއެމްއެފްގެ ތަޢުރީފް


  • އިޤްތިޞާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

  • މިއަހަރު 5.2 އިންސައްތައިން އިޤްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވޭ

  • މާލީ ހާލަތު ރަނގަޅުކުރަން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަން ފާހަގަކުރި

އިޤްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ، މާލީ ހާލަތު ރަނގަޅުކުރުމަށް ރާއްޖޭގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާތީ އެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ތަޢުރީފްކޮށްފިއެވެ.

އައިއެމްއެފުން މިކަމަށް ތަޢުރީފްކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަމަހުގެ 23އިން މިމަހުގެ 6ގެ ނިޔަލަށް، ރާއްޖެއަށް ކުރި ދަތުރަށްފަހު ނެރުނު ނޫސްބަޔާނެއްގައެވެ. މިބަޔާނުގައިވަނީ ރާއްޖޭގެ އިޤްތިސާދާ ގުޅޭގޮތުން ފާހަގަކޮށްލެވުނު މުހިންމުކަންތައް ހިމަނާފައެވެ.

މިނޫސްބަޔާނުގައިވަނީ މިދިޔައަހަރު ރާއްޖޭގެ އިޤްތިސާދު 4.4 އިންސައްތައިން ކުރިއަރާފައިވާއިރު، މިއަހަރުތެރޭ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިޤްތިސާދު މިއަހަރު 5.2 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއާއެކު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފެސިލިޓީތައް އިތުރުވެ، އިޤްތިސާދީގޮތުން މަންފާކުރާނެ ކަމަށް އައިއެމްއެފުންވަނީ ލަފާކޮށްފައެވެ.

އެހެންނަމަވެސް ރާއްޖޭގެ އިޤްތިސާދު އޮތީ ނާޒުކު ހާލަތެއްގައިކަމަށާއި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް އައިއެމްއެފުން ފާހަގަކުރެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނެސް ދައުލަތުގެ ދަރަނި އާއި ފިސްކަލް ޑެފިސިޓު ކުޑަކުރަންޖެހިފައިވާކަން އައިއެމްއެފުން ވިދާޅުވެއެވެ.

ތެލުގެ އަގު އިތުރަށް އުފުލި، އިމްޕޯޓަށް ކުރާ ހޭދަ އިތުރުވުމާއެކު މިއަހަރުގެ ޑެފިސިޓު ބޮޑުވާނެކަން އައިއެމްއެފުން ފާހަގަކުރެއެވެ. އަދި ފެންބޮޑުވުންފަދަ މޫސުމީ ކާރިސާތަކަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާކަމަށް އައިއެމްއެފުންވަނީ ފާހަގަކޮށްފައެވެ.

އައިއެމްއެފުން ވިދާޅުވީ، ދައުލަތުގެ މާލިއްޔާއަށް އުފުލަންޖެހިފައިވާ ބުރަ ކުޑަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރަން ޖެހިފައިވާކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށާއި، އެގޮތުން ސަބްސިޑީއާއި އާސަންދަ ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ތައްޔާރުވަމުންދާކަން އައިއެމްއެފްގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މޫސުމީ ބަދަލުތަކާއެކު މޫސުމީ ކާރިސާތަކަށް ރާއްޖެ ހުށަހެޅިފައިވާއިރު، މިކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަމަށް ފާހަގަކޮށް، އައިއެމްއެފުންވަނީ މިކަމުގެ ސަބަބުން މި ދާއިރާއިން ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަހިވެގެންދާނެކަން ހާމަކުރައްވާފެވެ.

އައިއެމްއެފްގެ ޓީމުން ރާއްޖެއަށް ކުރި ދަތުރުގައިވަނީ އެމްއެމްއޭ ގަވަނަރ އަލީ ހާޝިމާއި، މާލީ ވަޒީރު މުޙައްމަދު ޝަފީޤާ ބައްދަލުކޮށްފައެވެ. އަދި އަމިއްލަ ވިޔަފާރިތަކާއި، އިޤްތިސާދީ ދާއިރާގައި މުހިއްމު މަޝްރޫޢުތައް ކުރިއަށްގެންދާ ކުންފުނިތަކާވެސް މި ޓީމުން ވަނީ ބައްދަލުކޮށްފައެވެ.