ޚަބަރު

ކޮޅުފުށީ 100 ހައުސިން ޔުނިޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމަނީ


  • 99 ގޭގެ ކޮންކްރީޓު މަސައްކަތް މިހާރު ވަނީ ނިމިފައި

  • 98 ގޭގެ ސިމެންތީގެ މަސައްކަތް ވަނީ ނިމިފައި

  • 35 ގެއެއްގެ ރޭނުމުގެ މަސައްކަތް ވަނީ ނިމިފައި

މ.ކޮޅުފުށީގައި ހަދާ 100 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ސެޕްޓެންބަރު މަހަށް ނިމޭނެކަމަށް ބެލެވޭކަމުގައި އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި މަސައްކަތަކީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 7ވަނަ ދުވަހު އާރުސީސީއާ ހަވާލުކޮށްގެން 1 އަހަރު ދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މިމަސައްކަތް ނިންމަންޖެހޭ މުއްދަތު މިމަހުގެ 7ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް އަލީމް ވިދާޅުވީ ހައުސިން ޔުނިޓުގެ މަސައްކަތްތައް މިއަހަރުގެ ސެޕްޓެންބަރުމަހު ތެރޭ ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު، ކޮޅުފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ މިމަސައްކަތުގެ ތެރެއިން 99 ގޭގެ ކޮންކްރީޓުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، 98 ގެއެއްގެ ރޭނުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި 35 ގެއެއްގެ ރޭނުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި 25 ގެއެއްގެ ސިމެންތީގެ މަސައްކަތް ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި 5 ގެއެއްގެ ސީލިންގާއި، ވަޔަރު އެޅުމުގެ މަސައްކަތާއި، ތަށިމުށިޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"99 ގޭގެ ކޮންކްރީޓުގެ މަސައްކަތް ވަނީ ނިމިފައި. އަދި 98 ގެއެއްގެ ރޭނުމުގެ މަސައްކަތް ނިމިފައި. އަދި 35 ގެއެއްގެ ރޭނުމުގެ މަސައްކަތް ވަނީ ނިމިފައި. 25 ގެއެއްގެ ސިމެންތީގެ މަސައްކަތްވެސް ވަނީ ނިމިފައި. ލަފާ ކުރެވެނީ ސެޕްޓެންބަރު މަހު ނިމޭނެކަމަށް." އަލީމް ވިދާޅުވިއެވެ.

ކޮޅުފުށީގައި މި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް މަސައްކަތް ފުރަތަމަ ފަށާފައިވަނީ 2019އެވެ. އެފަހަރު، ކޮންޓްރެކްޓަކަރާ ޙަވާލުކޮށް ޢަމަލީ މަސައްކަތް ފެށިނަމަވެސް، ކޯވިޑު-19އާ ގުޅިގެން މަސައްކަތް ވަނީ ހުއްޓިފައެވެ.

މި 100 ހައުސިންގ ޔުނިޓަކީ މުޅިން ވެސް 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.

ކޮޅުފުށީގައި ނުނިމިހުރި މި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ޚަރަދުކުރާނީ ޕީ.އެސް.އައި.ޕީގެ ތެރެއިންނެވެ. މި މަސައްކަތަށް 121 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާކަމަށް ކޮޅުފުށީ ކައުންސިލުން ވިދާޅުވެއެވެ.

ކޮޅުފުށްޓަކީ 2004ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެކެވެ. ސުނާމީ ކާރިޘާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މި ރަށުގައިވަނީ ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢުތަކެއް މީގެ ކުރިންވެސް ހިންގާފައެވެ.