އިނގިރޭސިވިލާތުގެ ރަސްގެފާނު ކެންސަރުގެ އާލާސްކަންފުޅާއި އުޅުއްވާތީ އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްގެފާނު ޗާލްސް 3 ވަނަ، ކެންސަރުގެ އާލާސްކަންފުޅާއި އުޅުއްވާ ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައިކަމަށެވެ. އަދި ރަސްގެފާނު ޗާލްސް އެބަލިން އަވަސް ޝިފާއެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
I am deeply saddened to hear the news of the recent health diagnosis of King Charles III. I am confident that His Majesty will tackle this diagnosis with tenacity and resolve. The people of the Maldives join me to wish His Majesty a swift return to vibrant health.
— Dr Mohamed Muizzu (@MMuizzu) February 6, 2024
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ކެންސަރު ޖެހިފައިވާ ކަން އެ ޤައުމުގެ ޝާހީ ގަނޑުވަރު, ބަކިންގްހަމް ޕެލެސުން ހާމަކޮށްފައިވަނީ ހޯމަ ދުވަހުގައެވެ. ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ވަނީ ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހަސްފަތާލުގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކަކުންނެވެ.
ޝާހީ ގަނޑުވަރުން ބުނީ, މިކަމާ ގުޅިގެން ރަސްގެފާނުގެ ރަސްމީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބައެއް ބައްދަލުވުންތައް ކެންސަލް ކުރައްވާފައިވާ ކަމުގައެވެ. އަދި, ކެންސަރަށް ފަރުވާ ހޯއްދަވައި, ރަސްމީ މަސައްކަތްތަކާ ވީ އެންމެ އަވަހަކަށް ހަވާލުވެ ވަޑައިގަންނަވަން ރަސްގެފާނު އުންމީދު ކުރައްވާ ކަމުގައިވެސް ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.
އުމުރުފުޅުން 75 އަހަރުގެ ޗާލްސް އިނގިރޭސި ތަޚުތާ ހަވާލުވެޑައިގަތީ މަންމާފުޅު, ރަސްގެފާނު އެލިޒަބަތް ދެވަނަ އަވަހާރަވުމާ ގުޅިގެން 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.