ކުޅިވަރު

ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ފައިނަލަށް


ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ޒޯން ކޮލިފިކޭޝަން އަންހެން ޑިވިޝަން ފައިނަލްގެ ދެވަނަ ޖާގަ ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ހޯދައިފިއެވެ.

ރޭ ކުޅުދުއްފުށީގައި ކުޅުނު މި މުބާރާތުގެ ސެމީފައިނަލް މެޗް ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ކާމިޔާބުކުރީ ނޮޅިވަރަމް ކްލަބް ހުވާސްއާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. މި މެޗްގެ ސެޓްތައް ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ގެންދިޔައީ ފަންސަވީސް ނަވާރަ، ސައުވީސް ސައްބިސް، ފަންސަވީސް ސޯޅަ އަދި ފަންސަވީސް ތޭރައިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތްގެ ހައްވާ އަބުދުލް ކަރީމްއެވެ. 

ފައިނަލްގައި ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ބައްދަލުކުރަން ޖެހޭނީ މިދިޔަ ދެ އަހަރު މި މުބާރާތުގެ ޗެމްޕިއަން އިހަވަންދޫ ކްލަބް ޕޯލް ސްޓަރއާއެވެ. މެޗަށްފަހު ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތްގެ ކޯޗް ސޮއްފާނު އަހުމަދު ބުނީ ފައިނަލަށް ދެވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށާ މިފަހަރުގެ މުބާރާތާ ޓީމު ކުރިމަތިލާފައިވަނީ މުޅިން އަލަށް ވޮލީގެ ތެރޭގައި ޙަރަކާތްތެރިވާ ކުދިންތަކެއްވެސް ގޮވައިގެން ކަމަށެވެ. 

" މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ. އަސްލު މިފަހަރުގެ މުބާރާތާ ޓީމު ކުރިމަތިލީވެސް ވަރަށް ޗެލެންޖިންގ ވާނެކަން އެނގިހުރެ. މި މެޗަށް ނިކުތްއިރުވެސް ޓީމުގެ ވަރަށް ރަނގަޅު ދެކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ. އެ ކުޅުންތެރިން ލައިގެން މެޗަށް ނުކުންނަން ޖެހުނީވެސް ޓީމުގައި ގިނައިން މި އުޅެނީ ވޮލީގެ ތެރެއަށް އަލަށް ނުކުމެފައިވާ ކުޅުންތެރިންކަމަށްވާތީ" ސޮއްފާނު ބުންޏެވެ.

މެޗަށްފަހު ނޮޅިވަރަމް ކްލަބް ހުވާސްގެ ކޯޗް ޝާފިޢު އަހުމަދު ބުނީ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށާ އެ ޓީމާ ދެކޮޅަށް ނުކުމެފައިވަނީ ހުރިހާ ގޮތަކުންވެސް ވަރުގަދަ ޓީމެއް ކަމަށެވެ. 

" މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމަށް ހަމަ ސާބަސް ދެން. އަހަރުމެންނާ އިދިކޮޅަށް ނުކުމެފައި އޮތީ ހުރިހާ ޑިޕާޓްމެންޓެއްވެސް ވަރުގަދަ ޓީމެއް. އަހަރުމެން ޓީމުގައި މި ތިބީ މުޅިންވެސް ރަށުގެ ކުދިން. އެހެންނަމަވެސް އެ ޓީމުގައި ގިނައީ ރަށުން ބޭރު ރަނގަޅު ކުޅުންތެރިން. މިއީ މި ކުޅުންތެރިންނަށް ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއް" ޝާފިޢު އަހުމަދު ބުންޏެވެ.  

ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތާ އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ބައްދަލުކުރާ ނޯތް ޒޯންގެ ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު ހަތަރުގަޑި ތިރީހުގައެވެ.