ވިޔަފާރި

އެކައުންޓް ހުޅުވުމަށް ބީއެމްއެލްއިން އެޕޮއިންޓްމަންޓް ދޫކުރަނީ


ކިއޫގައި މަޑުނުކޮށް ބޭންކް އެކައުންޓް ހުޅުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކައުންޓް ހުޅުވުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ޤައުމީ ބޭންކުން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެޕޮއިންޓްމަންޓް ހަދައިގެން ބެންކް އެކައުންޓް ހުޅުވުމުގެ ޚިދުމަތް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި މި ޚިދުމަތް ހޯދުމަށް އެ ބޭންކްގެ ކޯލް ސެންޓަރަށް ގުޅުމުން، ކަސްޓަމަރު ބޭނުންވާ ފަސޭހަ ގަޑިއެއްގައި އެކައުންޓް ހުޅުވުމަށް ބްރާންޗަށް ދިއުމުން އެޕޮއިންޓްމަންޓް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މި ޚިދުމަތަކީ ބޭންކުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް އެ ބޭންކުގެ ސްޓްރެޓެޖިކް ޕްލޭންގައިވެސް ކުރުމަށް ކަނޑައަޅާފައިވާ ކަމެއްކަމަށެވެ.

އެޕޮއިންޓްމެންޓްތަކަށް ޚިދުމަތް ދިނުމުގެ ގޮތުން ބޭންކްގެ މައި ބްރާންޗްގެ ފުރަތަމަ ފަންގިފިލާގައި ވަނީ އެކަމަށް ޚާއްޞަ ކައުންޓަރތަކެއް ޤާއިމްކޮށްފައެވެ. އަދި އެކައުންޓް ހުޅުވުމަށް ބޭނުންވާ ހުރިހާ ލިޔެކިއުންތަކާއެކު އެޕޮއިންޓްމެންޓްގެ ގަޑީގައި އެތަނަށް ޙާޟިރުވުމުން ކިއުގައި އިތުރަށް މަޑުކުރަން ނުޖެހި ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ.