ޚަބަރު

ވާނުވާގައި ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މިމަހު ފަށަނީ


  • ޖަލުތައް ހަރުދަނާކޮށް އެއީ ކުށުގެ ވެށިން އަރައިގަންނަ މަރުޙަލާއަކަށް ހަދާނަން

  • ވަކި މުއްދަތެއް ނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމަކީ ރިޔާސީ ވަޢުދެއް

ތަޙްގީގުގެ މަރުޙަލާގައި ވަކި މުއްދަތެއް ނެތި ބަންދުގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މިމަހު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެކި މައްސަލަތަކުގައި، ސަބަބު ނޭނގި ފުލުހުންގެ ހައްޔަރުގައި ތަޙުގީގު މަރުޙަލާގައި ތިބޭ މީހުން އެގޮތުގައި ބޭތިއްބުން ނިމުމަކަށް ގެންނެވުމުގެ މަސައްކަތް މިމަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ މިއަދުރުގެ ތެރޭގައި މިކަމާ ގުޅޭ ޤާނޫނަށް އިސްލާހް ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

"އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، "ވާނުވާ"ގައި، އާދެ، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ ވަޢުދެއް. ތަޙްޤީޤަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅާނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުންކަމަށެވެ. އަދި ކުށަށް އަރައިގަންނަ މީހުން އަނބުރާ މުޖުތަމަޢަށް ގެނެވޭނެ ފަދަ ނިޒާމެއް ޤާއިމުކޮށް ރާއްޖޭގެ ޖަލުތަކުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުށް ކުރާ މީހުން ރިހެބިލިޓޭޓް ކުރުމުގައި އިސްކަންދޭނީ އަދަބު ދިނުމުގެ ބަދަލުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ޖަލުތަކުގެ ކަންކަން ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މިކަން މިދައުރުގެ ތެރޭގައި ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް ދެއްވާފައެވެ.