ތަޢުލީމު

ތުރުކީވިލާތުގައި މިމަހު ބާއްވާ ކުޑަކުދިންގެ ފެސްޓިވަލްގައި ރާއްޖެ


ސަތޭކަ ތިރީސް ޤައުމެއްގެ ދަރިވަރުން ބައިވެރިކޮށްގެން ތުރުކީވިލާތުގައި މިމަހު ބާއްވާ ކުޑަކުދިންގެ ފެސްޓިވަލްގައި ރާއްޖެ ބައިވެރިވާނެއެވެ.

މި ފެއަރގައި ރާއްޖޭގެ 4 ސްކޫލަކުން 13 ދަރިވަރުން ބައިވެރިކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވައެވެ. ފެއަރގައި ބައިވެރިވާ ދަރިވަރުން ހިމެނޭ ސްކޫލްތަކަކީ، ޢިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތުލުސްދޫގައި ހުންނަ މާލެއަތޮޅު ތަޢުލީމީ މަރުކަޒެވެ.

މި ފެސްޓިވަލްގައި ބައިވެރިވާން ތުރުކީވިލާތަށް ދާން ހަމަޖެހިފައިވާ ދަރުވަރުންނާ މިއަދު އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައި، މިފަދަ ބައިނަލްއަޤުވާމީ ޙަރަކާތެއްގައި ބައިވެރިވެ، ބޭރަށް ކުރެވޭ މިފަދަ ދަތުރުތަކުން އެހެން މީހުންގެ ސަޤާފަތުގެ މީހުންނާއެކު އުޅެން ދަސްވެ، ރީތި އާދަތަކެއް އެނގޭނެކަން ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުގައި ދާ ދަރިވަރުން ރަނގަޅު ނަމޫނާއެއް ދެއްކުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިއީ އެ ދަރިވަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

ޓާރކީ ރޭޑިއޯ އެންޑް ޓެލެވިޜަން ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ތުރުކީގެ އަންޓާލިޔާގައި، މިމަހުގެ 23 ގައި ފަށާ އިންޓަރނޭޝަނަލް ޗިލްޑްރަންސް ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުން ދިވެހި ޘަޤާފީ އައިޓަމްތަކެއް ފެއަރގައި ހުށަހަޅައިދޭނެއެވެ. ރާއްޖޭގެ ފަރާތުން ފެއަރގައި ބައިވެރިވާ 13 ދަރިވަރުންގެ ތެރެއިން 1 ދަރިވަރަކަށް ތުރުކީގެ ރައީސާއި ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަންޓާލިޔާގެ ގަވަރނަރ އަދި މޭޔަރއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.