ޚަބަރު

އެކަނިވެރި މައިންނަށް ދޭ ޢިނާޔަތް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް


  • މިއަހަރު ޢިނާޔަތް ބޮޑުކުރެވެން ނެތީ ބަޖެޓުގައި ހިމަނާފައި ނުވާތީ

  • ޔަތީމު ކުދިންނަށް ސަރުކާރުން ދޭ އަޅާލުން އިތުރުކުރައްވާނެކަމަށް ރައީސް ވިދާޅުވި

އެކަނިވެރި މައިންނަށް ދޭ ޢިނާޔަތް ބޮޑުކުރުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ފުވައްމުލައް ސިޓީ، މާވަށްގޭ، ފާޠިމަތު ޢާފިޔާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އާފިޔާ ވަނީ އެކަނިވެރި މައިންގެ ޢިނާޔަތާއި ޔަތީމު ކުދީންނަށް އަޅާލުމުގައި ސަރުކާރުގެ ސިޔާސަތުތައް އޮތްގޮތާ ގުޅޭގޮތުން ރައީސްއާ ސުވާލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ ޢިނާޔަތް ބޮޑު ކުރުމަކީ، އެމަނިކުފާނުގެ ވަޢުދުފުޅެއްކަމަށާއި، އެވަޢުދު ފުއްދުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން ޢިނާޔަތް ވަގުތުން ވަގުތަށް ބޮޑުކުރުމަކީ ދަތިކަމެއް ކަމަށެވެ. އެހެންނަމަވެސް، ޢިނާޔަތް ބޮޑުކުރުމަށް އަންނަ އަހަރަށް ދައުލަތުން އެކުލަވާލާ ބަޖެޓުގައި ހިމަނުއްވާ، ޢިނާޠަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަންނަ އަހަރަކީ އެކަނިވެރި މައިންނަށްދޭ އިނާޔަތް ބޮޑުކުރެވޭނެ އަހަރަކަށް ހަދާނަން. އެ އިނާޔަތް ބޮޑު ކުރެވޭތޯ މިއަހަރުވެސް މަސައްކަތް ކުރަމުން މިދަނީ." ރައީސް ވިދާޅުވިއެވެ.

ޔަތީމު ކުދިންނަށް ދެއްވާ އަހައްމިއްޔަތާ ގުޅޭގޮތުން އާފިޔާ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ޔަތީމު ކުދިންނަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ. އަދި ޔަތީމު ކުދިންގެ އިތުރުން، މުޖުތަމަޢުގައި ހަވާސާވެފައިވާ ކުދިންނާއި، ބަލާނެ މީހަކު ނެތިފައިތިބި ކުދިންނަށް ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން ސަރުކާރުން އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދަކީ 10،000 ރުފިޔާއެވެ. އަދި ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަޤީރު ހާލަތުގައި ދިރިއުޅޭ އަދި އެކަނިވެރި މައިންނާއި ބަފައިންނަށްދޭ މާލީ އެހީތެރިކަން ހޯދުމަށްޓަކައި 2021 ވަނަ އަހަރުގެ ނިޔަލަށް 3،067 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އޭގެ ތެރޭގައި 98 އިންސައްތައަކީ މައިންނެވެ. އަދި 2 އިންސައްތަ އަކީ ބަފައިންނެވެ. ކުދިންގެ ޢަދަދަށް ބަލާނަމަ އެއީ 5،290 ކުދިންނެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތްދިނުމަށް 74.7 މިލިޔަން ރުފިޔާވަނީ ހިމަނާފައެވެ.