ޚަބަރު

ބިލިއަނެއްހާ ރުފިޔާ ބަހާލައި، ރައްކާކޮށްފައި ހުރި ބޭރު ފައިސާވެސް ވަނީ ބޭނުންކޮށްފައި!


  • މިއިން ޒަމާނަކު ޤައުމު ނުދަރާވަރަށް ދައުލަތް އޮތީ ދަރާފައި

  • ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ދަތިތަކެއް އެބަހުރިކަން ފާހަގަކުރެއްވި

ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު ކުރިން ހުރި މިންވަރަށް އިއާދަވިނަމަވެސް، ރާއްޖޭގެ ދަރަނި ކުޑަނުވީ ނިމިދިޔަ ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔަސަތުތަކާއި ހިންގި އިސްރާފުތަކުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ހިމެނޭ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތާއި، އެ ހާލަތަށް ދިޔަ ސަބަބާއި، އަދި އެކަންކަމުން އަރައިގަތުމަށް ކުރައްވާ މަަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤުތިޞާދީ ގޮތުން ފަހި މަންޒަރެއް ފެންނަންއޮތްނަމަވެސް، ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން އާމްދަނީއާ ޚަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން މިންވަރަށް ފުޅާވެފައިކަން އެމަނިކުފާނު ފާހަގަކުރެއެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ތަދުމަޑުކަމާއެކު 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވިކަމަށެވެ، ނަމަވެސް ހިނގަމުންދިޔަ އިސްރާފާއި، ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައިހުރި ގޮތުން އިޤްތިޞާދުގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވިނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށްވުރެވެސް ފުޅާކޮށް، 14.6 ބިލިއަން ރުފިޔާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު، މިއިން ޒަމާނަކު ޤައުމު ނުދަރާވަރަށް ދައުލަތް އޮތީ ދަރާފައެވެ. އަދި ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއްކަމަށެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި މިވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި. ތަކެތީގެ އަގު އުފުލި، ލާދަ މިވަނީ މަތިވެފައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާއެކު މަނިޓަރައިޒްކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުން. މިގޮތުން 31 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރެވުނު. އަދި އިޤުތިޞާދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށިގެންދިޔަ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސަރުކާރު ކުންފުނިތަކުގެ ދަރަނި ބޮޑެވެ، އިދާރީ ހިންގުމާއި މުވައްޒަފުންނަށް ކުރާ ހޭދަ އޮތީ ރެކޯޑް އަދަދަކަށް އިތުރުވެފައި ކަމަށެވެ.

"އާމުދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ. ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާ ވެސް ވަނީ ނަގައި މާރުކޮށްލާފައި. މިއީ އަދި، މިދިޔަ 11 ވަރަކަށް ހަފުތާ އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އަންދާޒާކުރި މިންވަރަށްވުރެވެސް ފައިސާ އާއި މާލީ ކަންކަމާއި ދަރަނީގެ ހާލަތު އޮތީ ގޯސްކޮށްކަމަށެވެ. އަދި ހަފްތާ 14 ގެ މަގުޗާޓުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތް ކުރާނެގޮތުގެ ޕްލޭނެއް ވަނީ އެކުލަވާލެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ރޭވުންތެރިކަމާއެކު، ދުރުރާސްތާގައި ވެސް ދައުލަތުގެ މާލިއްޔާއަށް އެންމެ ހިރާސްތައް ކުޑަވާގޮތަށްކަމަށެވެ.