ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުންނަށް ހިލޭ ސާބަހަށް އެހީތެރިވެދޭނެ މީހުން ހޯދުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ޙައްޖާޖީންނަށް އެހީވުމަށް ދާ ފަރާތްތަކަކީ އަސާސީ ތަޢުލީމު ޙާސިލްކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވާންޖެހޭނެކަމަށެވެ. އަދި ސިއްޙަތު ރަނގަޅު މީހަކަށް ވާންޖެހޭނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖާޖީންގެ އެހީތެރިންގެ ގޮތުގައި ދާ މީހުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޙައްޖުވެރިންނަށް ދޭންޖެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދިނުމާއި ޙައްޖާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކަށް ދިމާވާ ކަންކަން ކޯޕަރޭޝަންގެ އިސް މުވައްޒަފުންނާއި ހިއްސާކޮށް އެފަރާތްތަކުގެ އިރުޝާދުގެ ދަށުން ޙައްޖާޖީންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުން ހިމެނެއެވެ. އަދި ކެއުމުގެ ކަންކަމާއި ބާޒާރުކުރަންދާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދިނުމާއި ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުންވެސް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުަވހުގެ މެންދުރު 2 ޖެހުމުގެ ކުރިން ޙައްޖު އަދި ޢުމްރާ ދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްފިނުމަށް އެދި ހުށައަޅާ ފޯމު ހުށައަޅަންޖެހެއެވެ. އަދި މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ކުރިން މިގޮތަށް ޙައްޖުވެރިންނަށް އެހީތެރުވުމަށް މަސައްކަތްކޮށްފައިވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށައެޅުމަށްވެސް އެކޯޕަރޭޝަނުންވަނީ އެދިފައެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ އެހީތެރިންގެ ގޮތުގައި ދާނެ މީހުންގެ ޢަދަދު ކަނޑައަޅާނީ މިއަދު ޙައްޖަށްދާ މީހުންގެ ޢަދަދަށް ރިޢާޔަތްކުރުމަށްފަހުގައިކަމަށެވެ.
މިއަހަރު ޙައްޖަށް ގެންދިޔުމަށް ސަޢުދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1000 ކޯޓާ އިސްލާމިކް މިނިސްޓްރީއިންވަނީ ޙައްޖު ކޯޕަރޭޝަނަށް ދެއްވާފައެވެ. އިސްލާމިކް މިނިސްޓްރީއިން ގެންދަވަނީ ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިނިސްޓަރ ލެވެލްގެ ބޭފުޅަކުވަނީ ޙައްޖުވެރިންގެ ކަންކަން ފަހިކުރުމަށް ސަޢުދީއަށް ވަޑައިގެން އެޤައުމުގެ ޙައްޖުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ދިވެހީންނަށް ލުއިގޮތްތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ. މިގޮތުން މިއަހަރު ފުރަތަމަ ފަހަރަށް ދިވެހި ޙައްޖުވެރިން ބަހުގައި ކުރި ދަތުރު ކުރު އަދި ފަސޭހަ ދަތުރަކަށް ހެދުމަށް ސަޢުދީގެ ހައިސްޕީޑު ރޭލުގައި މައްކާ އަދި މަދީނާގައި ދަތުރުކުރާގޮތަށްވަނީ ހަމަޖައްސާފައެވެ.