ޚަބަރު

ވީއައިއެޗްއެސް ސަޤާފީ ދަތުރު: ޒުވާނުންގެ ހިތްތަކުގައި ޤައުމިއްޔަތު އާލާކުރުމުގެ ނަމޫނާއެއް


  • މިއީ ވީއައިއެޗްއެސް 12ވަނަ ސަޤާފީ ދަތުރު

  • މިއީ ރާއްޖޭގެ އެކި ހިސާބުތަކުގެ ގިދިއުޅުމާއި ސަޤާފަތް ތަޖުރިވާކުރުމަށް ކުރިއަށްގެންދާ ދަތުރެއް

  • ދަތުރުގައި އެއްކުރާ މަޢުލޫމާތު ވީޑިއޯއާއި ލިޔުމުގެ ގޮތުގައި ޙިއްސާކުރާނެ

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ފަށާފައިވާ "ސަޤާފީ ދަތުރު"ގެ 12 ވަނަ ދަތުރުގެ ދަރިވަރުން ލ.އަތޮޅަށް ފުރައިފިއެވެ.

ދިވެހި ޤައުމިއްޔަތާއި ސަޤާފަތަށް އަހުލުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށްދާ މި ދަތުރަކީ ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ ދަތުރެކެވެ.

ޤައުމިއްޔަތު ދިރުވާ ޢާލާކޮށް، ޤައުމިއްޔަތަށް ލޯބިކުރާ ޖީލެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއް މަސައްކަތެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސަޤާފީ ދަތުރަކީ ރާއްޖޭގެ ސަޤާފަތާގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ހިންގާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. މި ދަތުރުގައި ބައިވެރިވާ ދަރިވަރުންނާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ވަނީ ބައްދަލުކުރައްވާ މަޢުލޫމާތު އެއްކުރާނެ ގޮތްތައް ކިޔައިދީފައެވެ.

މިއަހަރުގެ ދަތުރުގައި ސްކޫލްގެ 30 ދަރިވަރުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހައްދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ.

ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާޢީލް ނަޝީދު ވިދާޅުވީ މިއީ ސްކޫލުން ކުރިއަށްގެންދާ "ހަރިމު ބޭރުން" ނުވަތަ ސްކޫލް މަޙަޢުލުން ބޭރުން އުނގެނުމުގެ ފުރުޞަތު ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެ ތެރޭގައި ހިމެނޭ ބައެއްކަމަށެވެ. މީގެ ބޭނުމަކީ ކުދިންނަށް ޢަމަލީ މައިދާނުގައި އުނގެނުމުގެ ފުރުޞަތު، ޚާއްސަކޮށް ދިވެހިންގެ ތާރީޚާއި އާސާރާއި މާއްދީ ތަރިކަ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުންގެ ދިރިއުޅުމުގެ ތަފާތުތައް ދިރާސާކުރުމުގެ މަގު ފަހިކުރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިފަހަރުގެ ސަޤާފީ ދަތުރުގައި، ތަޢުލީމީ ވުޒާރާ އާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައިއާބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ވަޒީރު ދަރިވަރުންނާ ބައްދަލުކޮށް، ރާއްޖޭގެ ބަހުރުވަތަކާއި އާސާރާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތު އެއްކުރާނެ ގޮތާއި މިންގަނޑުތައް ދަރިވަރުންނަށް ކިޔައިދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ޤައުމިއްޔަތު ދިރިވުމުގެ މުހިންމު ބައެއް. ސްކޫލަށް ވަޑައިގެން ދަރިވަރުންނާ ބައްދަލުކޮށް، ވަޒީރު ކުދިންނަށް ވަނީ މަޢުލޫމާތު އެއްކުރާނެގޮތް ކިޔައިދެއްވާފައި. ސުވާލު އުފައްދާނެ ގޮތްތައް ކިޔައިދެއްވާފައި. އަދި މި މަޢުލޫމާތު އެއްކޮށް، ރައްކާކުރާނެ ގޮތްތައް ކިޔައިދެއްވި." ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާޢީލް ނަޝީދު ވިދާޅުވިއެވެ.

ދަތުރުގައި ލިބޭ މަޢުލޫމާތު ދަރިވަރުން އެކި ގޮތްގޮތުން ރައްކާކުރާނެއެވެ. އެގޮތުން އިންޓަވިއުއާއި، ލިޔުން އަދި ފޮޓޯއާއި ވީޑިއޯގެ ގޮތުގައި މަޢުލޫމާތު އެއްކުރާނެއެވެ.

"ދިވެހި ބަހާއި ތާރީޚާއި ސަޤާފަރުގެ މަޢުލޫމާތު ހުރިހާ ކުދިންނަށް ލިބެންޖެހޭ. ފޮތާއި މީހަކު ބުނެދޭ އެއްޗަކަށްވުރެ އެކަން ތަޖުރިބާކުރުމުން ލިބޭ ފައިދާ ބޮޑުވޭ. އަޅުގަނޑުމެން އެއްކުރާ މަޢުލޫމާތު އެހެން ކުދިންނާއި ހަމައަށް ގެނެސްދޭނަން." ދަތުރުގައި ބައިވެރިވާ ދަރިވަރުން ބުނެފައިވެއެވެ.

މި ދަތުރުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިން ފާހަގަކުރިގޮތުގައި، މި ފުރުޞަތަކީ އުނގެނުމުގެ އިތުރުން ދަރިވަރުން ދިރިއުޅުމަށް ތައްޔާރުވެ އަދި ކުރިއަމަގުގައި ކުރިއަށްދާނެ ދާއިރާއެއް އިޚްތިޔާރުކުމުގައިވެސް ލިބޭ ފުރުޞަތެކެވެ.

"އެހެން ކުދިންނާއެކު އުޅެން އެބަ ދަސްވޭ. އާއްމުކޮށް ނުލިބޭ ތަފާތު ދާއިރާއަކުން ދަރިވަރުންނަށް ތަޖުރިބާ އެބަ ލިބޭ. މިއީ ދިރިއުޅުމަށް ތައްޔާރު ކުދިންތަކެއް ބިނާކުރަން ސްކޫލުން ކުރާ ވަރަށް މުހިންމު މަސައްކަތެއް." ދަތުރުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިން ފާހަގަކުރިއެވެ.

ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ މި ދަތުރަކީ "ސަޤާފީ ދަތުރު"ގެ 12 ވަނަ ދަތުރެވެ. މި ދަތުރު ބާއްވަނީ އެކި އަހަރު އެކި އަތޮޅުތަކަށެވެ. މިއީ 7 ދުވަހުގެ ދަތުރެކެވެ.