ޚަބަރު

ރޯދަމަހުގެ ފަހު ދިހައެއް ބަންދުވިޔަސް، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވަން އަންގަވައިފި


  • ރޯދަމަހުގެ ފަހު ދިހައެއް ބަންދުކުރަން ނިންމެވީ ރައީސްގެ ރިޔާސީ ވަޢުދުގެ ދަށުން

  • ސަރުކާރު ބަންދުވިނަމަވެސް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ؛ލިބޭނެ

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވިނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ސަރުކާރު އިދާރާތަކުން ފޯރުކޮށްދެއްވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފިއެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީގެ ވަޢުދުފުޅުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ހަމަޖައްސަވައި، އެކަމާ ގުޅޭ ރަސްމީ ދެންނެވުން ނެރުއްވާފައެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވިދާޅުވީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރެއްވިނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، ކަނޑައަޅާ އުސޫލެއްގެ މަތިން ރައްޔިތުންނަށް ފޯރުކޮށްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އިދާރާތަކުން އަންގަވާފައިވާކަމަށެވެ.

ރައީސް އޮފީހުގެ ދެންނެވުމުގައި ވިދާޅުވީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ރައީސް އޮފީޙުން ބައްދަލުކޮށްފައިވާކަމަށެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވާ ދުވަސްތަކުގައި އިދާރާތަކުން ޚިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާއި ގުޅޭގޮތުން މަޝްވަރާކުކުރެއްވިކަމަށްވެސް ދެންނެވުމުގައިވެއެވެ.

މި މަޝްވަރާގައި ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު އެކި ވަސީލަތްތައް މެދުވެރިކުރައްވައި، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދެއްވުމަށް އަންގަވާފައިވާކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެއެވެ. އަދި އެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ޙިއްޞާކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި އެދިވަޑައިގެންފައިވާކަމަށްވެސް އެ ދެންނެވުމުގައިވެއެވެ.

ރޯދަމަހުގެ ފަހު ދިހައެއް ބަންދުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، މިކަމުގެ އެންމެ ބޮޑު މަޤްޟަދަކީ ރާއްޖޭގައި އިސްލާމީ އުޞޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދެއްވުމެވެ.