ޚަބަރު

މިއަހަރުގެ ޙައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ މީހުން ހޯދަނީ


  • ގާތްގަނޑަކަށް 30 މީހުން ބޭނުންވޭ

  • ޢަރަބި ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ މީހުންނަށް އިސްކަންދޭނެ

  • އަސާސީ ތައުލީމު ހާސިލްކޮށްފައިވާ، ސިއްހަތު ރަނގަޅު މީހަކަށް ވާންޖެހޭ

މިއަހަރުގެ ޙައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ 30 ވަރަކަށް މީހުން ބޭނުންވާނެ ކަމަށެވެ. އަދި މިހާރުވަކި އަދަދެއް ކަނޑައަޅާފައި ނުވަނީ އިތުރު ޙައްޖު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނާތީ އެހީތެރިންގެ ގޮތުގައި އިތުރު މީހުން ބޭނުންވާނެތީ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މިމަގާމަށް ބޭނުންވަނީ އަސާސީ ތައުލީމު ހާސިލްކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހުންކަމަށެވެ. އަދި މިމަޤާމަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖުގައި އެހީތެރިންގެ ގޮތުގައި ދާން ބޭނުންވާ މީހުން އެކަމަށް އެދި މިމަހުގެ 13 ވަނަދުވަހުގެ 14:00ގެ ކުރިން ހުށައަޅަންޖެހެއެވެ. އެކަމަށް އެދި ހުށައަޅާނީ ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށެވެ. މި ފޯމް ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސަރުކާރުންވަނީ ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ އެއްވެސް ޖަމާއަތަކަށް ނުދީ 1000 ޖާގަ ޙައްޖު ކޯޕަރޭޝަނަށް ދެއްވުމަށް ނިންމަވާފައެވެ. ޙައްޖު ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަނަށް ބަދަލުކުރެއްވުމަށް ނިންމެވީ ޙައްޖަށް ދިއުމަށް އެދި ވަރަށް ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެފައިވާތީ ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.