ކުޅިވަރު

ސެމީގެ ފުރަތަމަ ޖާގަތައް ނައިޖީރިއާ އާއި ކޮންގޯއަށް


އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް ނައިޖީރިއާ އާއި ކޮންގޯއިން ހޯދައިފިއެވެ.

ސެމީގެ ޖާގައެއް ނައިޖީރިއާއިން ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއަކުން އެންގޯލާ ބަލިކޮށްގެންނެވެ.

މި މެޗުގައި ނައިޖީރިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ޖަހައިދިނީ އަޑެމޯލާ ލުކްމަންއެވެ. އޭގެ ފަހުން މެޗުގެ 75 ވަަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީއަށް ނައިޖީރިއާ ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ކުޅޭނީ ކުއާޓާގައި ކޭޕް ވާޑް އާއި ދެކުނު އެފްރިކާ ކުޅެގެން މޮޅުވާ ޓީމަކާއެވެ.

މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ޖާގައެއް ކޮންގޯއިން ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ގިނީ ބަލިކުރުމަށްފަހުއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގިނީންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ބަޔޯއެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން ޗަންސެލް އެމްބެމްބާ ވަނީ ކޮންގޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޮންގޯއަށް ލީޑު ނަގައިދިނީ ޔޮއާން ވިއްސާއެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އާތޫރު މަސުއާކޫ ވަނީ ލަނޑެއް ޖަހައި، ކޮންގޯއަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީއަށް ކޮންގޯ ދަތުރުކުރިއިރު، އެ ޓީމުން ވަނީ 2015 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައިވެސް ކުޅެފައެވެ. މި ފަހަރުގެ ސެމީގައި ކޮންގޯ ކުޅޭނީ ކުއާޓާގައި އައިވަރީ ކޯސްޓާއި މާލީ ކުޅެގެން މޮޅުވާ ޓީމަކާއެވެ.