ޚަބަރު

"ޝަހާދަތުގެ ދެކަލިމައާއި މުސްލިމުން މުޅި ޙަޔާތާ ހުރި ގުޅުން ދެނެގަންނަންޖެހޭ"


  • ޚުޠުބާ ޚާއްޞަކޮށްފަވަނީ "ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުން" މި މަޢުޟޫއަށް

  • ޝަހާދަތުގެ ދެކަލިމައަކީ އިސްލާމް ދީނުގެ ބިންގާ ކަމަށް ބަޔާންކުރެއްވި

  • ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތަކީ ޝަހާދަތުގެ ދެކަލިމަކަން ހަނދާންކޮށްދެއްވި

ޝަހާދަތުގެ ދެކަލިމައާއި މުސްލިމުންގެ މުޅި ޙަޔާތާ ހުރި ގުޅުން ދެނެގަތުމަށްޓަކައި އެދެކަލިމައިގެ ހަޤީޤީ މާނައާއި ތަފްސީރު ދެނެގަތުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފަވަނީ "ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުން" މި މަޢުޟޫއަށެވެ.

ޚުތުބާގައި ވިދާޅުވީ، ޝަހާދަތުގެ ދެކަލިމަ އަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގާ ކަމަށެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރުކަމަށެވެ. އަދި މާތް ﷲ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަކަމަށެވެ.

ޙުތުބާގައި ވިދާޅުވީ މާތްﷲ ގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތަކީ ޝަހާދަތުގެ ދެކަލިމަކަމާއި، އެއީ އިންސާނުން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސުކަމަށެވެ.

ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމުންގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމުކަމަށް ޙުތުބާގައި ވިދާޅުވިއެވެ.

"ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާއަށް، ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ޙަޔާތާ ގުޅުވާލާނެ، ޝަރީޢަތުގެ މި ދެމަޞްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް ޢަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ޙަޔާތް ބައްޓަންކުރާ މީހަކަށް ވާނެ،" ޙުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ، މާތް ﷲގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުގެ ޝަރަޙަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވާކަމަށެވެ.

އެގޮތުން މިހާރު، ޖީބުގައި އޮންނަ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަ ކަމާއެކު ކުރެވޭނެކަމަށާއި، މި ފަސޭހަޔާއެކު ޤުރްއާން ކިޔެވުމާއި ޙަދީޘްތައް ކިޔުން އާދައަކަށް ހަދަން ބޭނުންވާ މީހަކަށް، ފަސޭހައިން އެކަން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

" ނަފްސާނީ ޢިލްމުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅުކަމެއް، މީހެއްގެ ކިބައިގައި އާދައަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމު، އަދި ގާތްގަނޑަކަށް އެކާވީސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ، އޭނާގެ ކިބައިގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތް،" ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ އިންސާނާގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އޭނާގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި މިއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެއް ކަމަށާއި، އިސްލާމީ ޝަރީޢަތުގައި ފާފައެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީ ފާފައެއްކަން ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.