މުނިފޫހިފިލުވުން

ނޯ އެލިމިނޭޝަން ޕަވަރ އާއެކު ގަދަ 5 ބައިވެރިން ސަލާމަތްވެއްޖެ


"ނޯއެލިމިނޭޝަން ޕަވަރ" އާއެކު މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ބައިވެރިންވެސްކުރިއަށް އޮތް ރައުންޑަށް ދަތުރުކޮށްފިއެވެ.

ނޯ އެލިމިނޭޝަން ޕަވަރއަކީ ބޭރުގެއައިޑަލް ޝޯވތަކުގައިވެސް ޖަޖުންނަށް ލިބިގެންދާ ފުރުސަތެކެވެ. ޖަޖުންނަށް ލިބިގެންދާމި ބާރާއެކު، އެލިމިނޭޝަން ނައިޓުގައި އެއްވެސް ބައިވެރިއަކު ނުކަޓާ، ކުރިއަށްއޮތް ރައުންޑަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން މިރޭގެ ޝޯވގައި ގާލާ ރައުންޑުގައިވާދަކުރާ 5 ބައިވެރިންވެސް ވަނީ ކުރިއަށް އޮތް ރައުންޑަށް ދަތުރުކޮށްފައެވެ. ނަމަވެސް އަންނަ ހަފްތާގެ ޝޯވގައި މި 5 ބައިވެރިންގެ ތެރެއިން 2 ބައިވެރިއަކު ކަޓައިގެންދާނެއެވެ.

މިހާރު މި ޝޯވގައި ވާދަކުރާ 5 ބައިވެރިންނަކީ ޝަލަބީ އިބްރާހިމް، ޢަބްދުﷲ ފާލިހް އާދަމް، މުހައްމަދު އިޝާން، މުހައްމަދު ޒަލީފް ޢަބްދުﷲ އަދި ލައިޝާ ޖުނައިދެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 8 ވަނަ ޝޯވ "އިކްރާމްސް ޗޮއިސް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ވަނީ ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންގޮސްފައެވެ. އަދި ގެސްޓް ޖަޖެއްގެ ގޮތުގައި މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ މުޙައްމަދު އިކްރާމްވެސް ރޭގެ ޝޯވގައި ވަނީ ބައިވެރިވެފައެވެ.

img:http://s1.psmnews.mv/images/660x400/14608348696482.jpg|

މި މުބާރާތުގެ ފޯރި، ދުވަހެއް ދުވަހަކަށް ގަދަވަމުންދާއިރު، މިރޭގެ އެލިމިނޭޝަން ނައިޓުގައިވެސް ބެލުންތެރިންނަށް ޚާއްސަ ކަންތައްތަކެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން މިރޭގެ ޝޯވ ޚާއްސަކޮށްފައިވަނީ މަޝްޙޫރު ދިވެހި ފިލްމްތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ކުޅަދާނަ ފިލްމް ޑައިރެކްޓަރ ފާތުމަތު ނަހުލާ ޑައިރެކްޓްކޮށް، ޕްރޮޑިއުސްކޮށްފައިވާ ލަވަތަކަށެވެ. ނަހުލާ އަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ކުޅަދާނަ ފިލްމް ޑައިރެކްޓަރުންގެ ލިސްޓުގައި އެންމެ ކުރީގައި ގުނާލެވޭ އެއް ޑައިރެކްޓަރެވެ. މިރޭގެ ޝޯވގައި ނަހުލާވަނީ، އޭނާގެ އުފައްދާފައިވާ ލަވަތަކުގެ އިތުރު ކަލެކްޝަނެއް ހެދުމަށް ހަމަޖެހިފައިވާކަމަށާއި، އޭގައި އައިޑަލްގެ ގަދަ 5 ބައިވެރިންނަށް ލަވަކިޔުމުގެ ފުރުސަތުދޭނެކަންވެސް އިޢުލާންކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/14608349439388.jpg|

މީގެ އިތުރުންވެސް، މިރޭގެ ޝޯވގައި ވަރަށް ޚާއްސަ ފަންނާނެއްގެ ގޮތުގައި، ޑރ. އަހުމަދު ޝަމްރާޙު ލަވަ ހުށައަޅައިދީފައިވެއެވެ. ޑރ. ޝަމްރާޙް އެމެރިކާގެ މަޝްޙޫރު ޓެލެންޓް ޝޯވއެއްކަމުގައިވާ "ދިވޮއިސް"ގެ ރަޝިއަން ވާރޝަންގައި މީގެކުރިން ލަވަ ހުށައަޅައިދީފައިވެއެވެ.

ގަދަ 12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑު މިހާތަނަށް އައިއިރު، 7 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ.

img:http://s2.psmnews.mv/images/660x400/14608348518069.jpg|

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. ގަދަ 4 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 9 ވަނަ ޝޯވދެއްކުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 ވާ ހުކުރު ދުވަހުގެ ރޭގައެވެ.

މިހާރު ތާވަލްކުރެވިފައިވާ ގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.