ޚަބަރު

4000 ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އޭސީސީން ހުއްދަދީފި


  • ފްލެޓްތައް ހަވާލުކުރަން މަޑުޖައްސާލަން އެންގީ މިދިޔަ ނޮވެމްބަރުމަހު

  • ފްލެޓްތައް ދޫކުރުމުގައި ހަމަތަކާއި އުސޫލުތަކައި ހިލާފުވެފައިވާކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ނިންމި ފުރަތަމަ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހުއްދަ ދީފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގެވުމަކާއި ގުޅިގެން 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ހުއްޓާލީ މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އޭރު އެންގީ ނިމިދިޔަ ސަރުކާރުން އެކަންކުރުމުގައި އުސޫލުތަކާއި ހިލާފުވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ.

އޭސީސީން މިއަދު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް އަންގާފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.

އެގޮތުން، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖަޢާކުރުމަށް އޭސީސީން ވަނީ އަންގާފައެވެ. އަދި މުރާޖަޢާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖަޢާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށްވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ ފަހިދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމަލޭގައި ހަދަމުންދާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭގޮތުން އޭަސީސީން ބަލަމުންދާ ކަންކަން ނިމޭތާ، 3 ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ސޮއިކުރަން ފަށާނެކަމަށެވެ. އެގޮތުން، މިހާރު ފްލެޓު ލިބޭ މީހުންނާއެކު އެގްރިމަންޓުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ ގޮތުން އެ އެގްރިމަންޓުތައް ޕްރިންޓްކޮށް ނިމިފައިވާ ކަމަށްވެސް އެފް.ޑީ.ސީން ބުންނެވެ.