ޚަބަރު

ޝަމީމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދަށް!


  • ޝަމީމަށް ހަމަލާދިނީ ބުދަދުވަހުގެ ފަތިހުގެ ވަގުތެއްގައި

  • ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރި

  • އިތުރު ބަޔަކު ހަމަލާގެ ފަހަތުގައި ތިބޭނެކަމަށް ފުލުހުން ޤަބޫލުކުރޭ

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ބުދަދުވަހުގެ ފަތިހުގެ ވަގުތެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް މަގުމަތިން ހަމަލާ ދީފައިވަނީ މޫނު ފޮރުވައިގެން ތިބި ބަޔަކުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޝަމީމަށް ހަމަލާދިން މީހުން ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އެމީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ޝަމީމަށް ދިން ހަމަލާގެ މައުލޫމާތު ލިބުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ވަސީލަތެއް ތަހުގީގަށް ބޭނުންކޮށްފައިވާކަމަށެވެ. މީގެ އިތުރުން މިފަދަ ހަމަލާތައް ކުރިއަށް އޮތްތަނުގައި ވެސް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބައްލަވާނެ ކަމުގެ ޔަގީންކަންވެސް ކޮމިޝަނަރ ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވީނަމަވެސް މިއީ އިތުރު ބަޔަކު ގުޅިގެން ދީފައިވާ ހަމަލާއެއްކަމަށް ޝައްކު ކުރެވޭ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ހަމަލާ ދިން ސަބަބާއި އޭގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް މިހާރު ތަހުގީގު ކުރިއަށްދާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ޕީޖީއަށް ދިން ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ހަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކުރައްވާފައެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެމީހުންނަށް ދޭންވާ ހައްގު އަދަބު ދޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.