ޚަބަރު

އިންތިޚާބާ ގުޅޭ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކަން ފާހަގަކުރެވޭ: ސީޕީ


  • މީޑިޔާތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭ

  • އިލެކްޝަންސްއިން ދެއްވާ އިރުޝާދުތަކަށް ޢާންމުން އަހުލުވެރިވުމަށް އެދިވަޑައިގެންނެވި

  • ކޮމިޓީއެއް ނަގައިގެން މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވި

2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު، އިންތިޚާބުތަކާއި ގުޅޭ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން މިހާރު ވަރަށް ބޮޑަށް އިތުރުކަން ފާހަގަކުރެއްވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ފުލުހުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން، އެ ދެ މުއައްސަސާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިޚާބުގައި ޢާންމުންގެ ފަރާތުން ފެނުނު ހޭލުންތެރިކަމަށްވުރެ، މިހާރު ބާއްވާ އިންތިޚާބުތަކުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކަމަށެވެ. އެހެންނަމަވެސް އިންތިޚާބުތަކާ ގުޅޭ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އަދިވެސް އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާ ސީޕީ ވަނީ އިލެކްޝަންސް ކޮމިޝަނުން ދެއްވާ އިރުޝާދުތަކަށް ޢާންމުން އަހުލުވެރިވުމަށް އެދިވަޑައިގެންފައެވެ.

ވޯޓުލާ މަރުކަޒުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާއިރު ޢާންމުން ދޭ އެއްބާރުލުމަކީ އިންތިޚާބުތައް އަމާންކަންމަތީ ނިމުމުގެ ސަބަބެއްކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ވޯޓާއި ގުޅޭ ކަންކަމުގައި މީޑިޔާގެ ޒަރިއްޔާއިން ޢާންމުން ހޭލުންތެރިކުރުވުން މުހިންމުކަންވެސް ފާހަގަކުރައްވައި މީޑިޔާތަކާއި ގުޅިގެން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮމިޝަނުން މިފަހަރުވެސް މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.

"އިލެކްޝަންތަކުގައި ޢާންމުންގެ ޢަމަލުތައް ބަހައްޓަންވާ ގޮތް، މިކަންކަމަށް އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވެފައިވާކަން ވަރަށް ބޮޑަށް ފާހަގަވޭ. 2008ގައި ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބުގައި ފެނުނު ވަރަށް ގިނަ ކަންތައްތައް އެއީ މިހާރު ނުފެންނަ ކަންތައްތައް." ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިމާވެދާނެ ކޮންމެ ކަމަކަށް ފުލުހުން ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބަށް ޚާއްސަކޮށް ކޮމާންޑަރެއް ކަނޑައަޅާ، ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިންތިޚާބާއި ގުޅިގެން ފުލުހުން އަދާ ކުރަންޖެހޭ ޒިންމާތައް މިދިޔަ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ސީޕީވަނީ ދެއްވާފައެވެ.

"މިއިލެކްޝަންގައި ދިމާވެދާނެ އެންމެހާ ކަންތައްތަކަކަށް އަޅުގަނޑުމެން ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިން. އިންތިޚާބުގެ ކުރިންނާއި، އިންތިޚާބު އޮންނަ ދުވަހު، ފުލުހުންނަށް ހަވާލުކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަ ކަންމަތީ އަދާކުރާނެކަމުގެ ޔަޤީންކަން އަރުވަން." ސީޕީ ޝުޖާއު ވިދާޅުވިއެވެ.

އިންތިޚާބުތައް އަމާންކަމާއި، އޮމާންކަންމަތީ ކުރިއަށްދިޔުމުގައި ދިވެހި ފުލުހުންގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގައި ވޯޓު ފޮއްޓާއި، ވޯޓު ކަރުދާހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، އެ ތަކެތި ރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ވެހިކަލްތަކުގައެވެ. އަދި ކޮންމެ އިންތިޚާބެއްގައިވެސް، ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މުހިންމު ދައުރެއް ފުލުހުން އަދާކުރެއެވެ.