ޚަބަރު

ވިޝާމް އަވަހާރަވުމަކީ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް: ރައީސް


  • ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވީ ރޭގެ ވަގުތެއްގައި

  • އަވަހާރަވީ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް

  • ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އޭނާ އިންތިހާބުވީ 2022 ވަނަ އަހަރު

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވީ ފައިގެ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ.

‏ބާ ކައުންސިލްގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއްކަމަށެވެ. އަދި ޤައުމަށް ގެއްލިގެން ދިޔައީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއްކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ދައުލަތުގެ އިއްޒަތްތެރިން އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ވިޝާމް އަވަހާރަވުމުގެ ހިތާމައިގައި ތައުޒިޔާ ފޮނުއްވާފައެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ރައީސްކަމަށް ވިޝާމް އިންތިހާބުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުއެވެ. ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ..