ޚަބަރު

ކުޑަހުވަދޫއަށް އަންނަ ހަފްތާގައި ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުން


ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުން އަތޮޅުތަކަށް ފޮނުއްވުމުގެ ޕްރޮގްރާމްގެ ދަށުން، އަންނަ ހަފްތާގައި ދ.އަތޮޅު ހޮސްޕިޓަލުގައި ބަލިމީހުން ބެލުމުގެ ޕްރޮގްރާމް ފަށާނެކަމަށް އާސަންދަ ކޮމްޕެނީން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޢްލޫމާތުދިން ގޮތުގައި، ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސްޕެޝަލިސްޓު ޑޮކްޓަރުން ދ.އަތޮޅު ހޮސްޕިޓަލްގައި މިމަހުގެ އަށާރައިން ނަވާރައަށް ކުރިއަށްދާނެކަމަށެވެ. ޑޮކްޓަރަށް ދެއްކުމަށް މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ދ.އަތޮޅުގައި ޑޮކްޓަރުން ބެލުމަށް ހަމަޖެހިފައިވަނީ ކަރުންމަތީގެ ބަލިތަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނެވެ. މީގެ އިތުރުން އަންނަ ހަފްތާގައި ނ.އަތޮޅަށް ސުޕަރ ސެޕްޝަލިސްޓު ޑޮކްޓަރުން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އާސަންދަ ކޮމްޕެނީން މަޢުލޫމާތުދެއެވެ.

ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ އަހަރު ވަނީ ނިމިފައެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ދިވެހިންގެ ތެރޭގައި މައިބަދައިގެ މައްސަލަތަކާއި، ކަރުންމަތީގެ ބަލިތަކަށް ދައްކާ ބަލިމީހުންގެ އަދަދު ގިނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އާސަންދަ ކޮމްޕެނީއިން ހާމަކުރެއެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 83 ޑޮކްޓަރުން ރާއްޖެއަށް ޒިޔާރަތްކޮށް، ހަހާށްވުރެ ގިނަ ބަލިމީހުން ބަލާފައިވެއެވެ. ތަފާތު އަށާރަ ދާއިރާއަކުން ޑޮކްޓަރުން ގެނެސްފައިވާއިރު، އޭގެތެރޭގައި ނާރުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ކެންސަރާއި ލޭގެ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ.