ބޭރުގެ އަސްކަރީ އުޅަނދަކުން ރާއްޖޭގެ މަސް ދޯންޏެއް ހިފަހައްޓައި، އެ ދޯނީގައި ތިބި މަސްވެރިންނާއި ސުވާލުކުރި މައްސަލައިގައި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބޭރުގެ ސިފައިންތަކެއް އަރާފައިވަނީ ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސް ދޯންޏެއްކަމަށްވާ އަސުރުމާ-3 އަށެވެ.
މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިކަމާއި ގުޅިގެން ވިދާޅުވީ، މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ބޭރުގެ ސިފައިންތަކެއް އެ ދޯނި ހިފެހެއްޓީ ހއ.ތުރާކުނުގެ އިރުމަތިން 72 މޭލި ބޭރުންކަމަށް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމުން ކަށަވަރުވެފައިވާކަމަށާއި އެއީ ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުކަމަށެވެ.
ޝިޔާމް ވިދާޅުވީ ބޭރުގެ ސިފައިންތަކެއް ރާއްޖެ ސަރަހައްދަށްވަދެ، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ ދޯންޏެއް ހުއްޓުވައި، ސުވާލުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ. މިއުޅަނދު… pic.twitter.com/DPaNFRWa8z
— Ahmed Shiyam (@Shiyamaldives) January 31, 2024
މިކަމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން ދިވެހި މަސް ދޯންޏަކަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި އެމްއެންޑީއެފްގެ އުޅަނދެއް މަސްދޯނި އޮތް ސަރަޙައްދަށް މިހާރު ދަތުރުކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.