ކުޅިވަރު

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފި


ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމަތުކުރުމަށް ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލުކޮށްފިއެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައަށް ހައްލުހޯދުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. އަދި ސިވެކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒުބެއިރެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ދަނޑުގެ ލައިޓިން މަރާމާތުކޮށް ނިންމައި ހަވާލުކުރަންޖެހެއެވެ. މި މަސައްކަތުގެ އަގަކީ ތިން މިލިޔަން ނުވަ ލައްކަ އަށްޑިހަ ފަސްހާސް ހަތް ސަތޭކަ ސާޅީސް ފަސް ރުފިޔާ ހަތްދިހަ ނުވަ ލާރިއެވެ.

ދަނޑުގެ ލައިޓިން ރަނގަޅުކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އޭގެ ތެރޭގައި ލައިޓުތަކުގެ ހާލަތު ބެލުމާއި، ބަދަލުކުރަން ޖެހޭ ލައިޓުތައް ބަދަލުކުރުމާއި، ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމުގެ އެހެނިހެން މަރާމާތުތައް ހިމެނެއެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މައްސަލަ ޖެހިފައިވާތީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އަންނަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދާ އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ހަވީރު ކުޅެމުން އަންނަނީ ރޭގަނޑު މެޗުތައް ކުޅެވޭ ވަރަށް ދަނޑުގެ ލައިޓްތަކުގެ އަލި ނެތުމުންނެވެ.