ޚަބަރު

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވާން ހުށަހެޅި ދަރިވަރުންނާ އިންޓަރވިއުކުރައްވަން ފަށްޓަވައިފި


  • ޚުޠުބާ ކިއުމުގެ ހުއްދަ ނަގަން 160 ޒުވާނުން ހުށައަޅާފައިވޭ

  • އިންޓަރވިއުކުރުމަށްފަހު، އިމާމްކަންކުރުމާއި ޚުޠުބާ ކިޔުމާއި ގުޅޭގޮތުން ޚާއްޞަ ތަމްރީނެއް ދޭނެ

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ކުދިންނާއި އިންޓަވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ޚުޠުބާ ކިއުމުގެ ހުއްދަ ނަގަން 160 ޒުވާނުން ހުށައަޅާފައިވާކަމަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ފަރާތްތަކާއި އިންޓަރވިއުކުރުމަށްފަހު، އިމާމްކަންކުރުމާއި ޚުޠުބާ ކިޔުމާ ގުޅޭގޮތުން ޚާއްޞަ ތަމްރީނެއް ދޭނެކަމަށެވެ. އަދި ތަމްރީނު ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ހުކުރުކުރުމުގެ ހުއްދަ ދޫކުރާނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދެކެވެ.