ޚަބަރު

ކ.ގިރިފުށީގައި ކޮލެޖެއް ޤާއިމްކުރައްވަނީ


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ގިރިފުށީ ޓްރޭނިންގ އިންސްޓިޓިއުޓް، ކޮލަޖަކަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ، ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ސިފައިންގެ އެކިއެކި ޓްރޭނިންގ މިހާރު ހިންގަމުން އަންނަ ގިރިފުށީ ޓްރޭނިންގ އިންސްޓިޓިއުޓް، ދިވެހި ސިފައިންގެ އަހަރީ ދުވަސް މިމަހުގެ 21 ވަނަ ދުވަހު ފާހަގަކުރާއިރު އެތަން ހުންނާނީ ކޮލެޖަކަށް ބަދަލުކުރައްވާފައިކަމަށެވެ. އަދި ގިރިފުށީ ޓްރޭނިންގ އިންސްޓިޓިއުޓް ކޮލެޖަކަށް ބަދަލުވެގެންދިއުމާ ގުޅިގެން، އެތަނުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ސިފައިންނަށް މަތީ ތަޢުލީމް ފޯރުކޮށްދެވެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ދިވެހި ސިފައިންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ދިވެހި ސިފައިންނަށް ބޭނުންވާ އެކި އެކި ތަމްރީނު ޕްރޮގްރާމްތައް މިހާރު ހިންގަމުން ދަނީ ކ.ގިރިފުށީގައި ހުންނަ ގިރުފުށީ ޓްރޭނިންގ އިނސްޓިޓިއުޓްގައެވެ.