ޚަބަރު

އަނިޔާވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ސަރުކާރު


  • ޕީޖީއާށް ޙަމަލާ ދީފައިވަނީ މިއަދު ހެނދުނު

  • މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ދަނީ ތަޙުގީގުކުރަމުން

  • ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެކަމަށް ސަރުކާރުން ވިދާޅުވި

ޓެރަރިސްޓް އަދި އަނިޔާވެރި ޢަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިޚްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވިދާޅުވީ، ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް މިއަދު ދިން ނުރައްކާތެރި ޙަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.

މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ޚިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށްކަމަށް ޚާލީލް ވަނީ ވިދާޅުވެފައެވެ. ޚާލީލް ވިދާޅުވީ، ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެކަމަށެވެ.

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވަނީ ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.