ޚަބަރު

މަޖިލިސް އިންތިޚާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ ހުޅުވާލަނީ


  • ރީ-ރަޖިސްޓްރީވުމުގެ މުއްދަތަކީ ފެބްރުއަރީ 1އިން 7އަށް

  • މިހާރު ރަޖިސްޓްރީވެފައި އޮންނާނީ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަނަށް

  • ރީ-ރަޖިސްޓްރީވުން ކުރިއަށްދާނީ ހަމައެކަނި އޮންލައިންކޮށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން، އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު، މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން މިކަން ހާމަކުރައްވާފައިވަނީ މަޖިލިސް އިންތިޚާބުގައި އިލެކްޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދައުލަތުގެ 5 މުއައްސަސާއަކާއެކު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބުއެވެ.

ޙަބީބް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނަށް 7 ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށެވެ. އަދި މިމުއްދަތު އިތުރު ނުކުރައްވާނެކަން ފާހަގަކުރައްވަމުން، ޙަބީބް ވަނީ މުއްދަތަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

ޙަބީބް ވިދާޅުވީ ރިސޯޓުތަކާއި، ޖަލުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް ފިޔަވައި، އެހެން މީހުން ރަޖިސްޓްރީވެފައި އޮންނާނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮތްތަނަށް ކަމަށެވެ. އަދި ރަޖިސްޓްރީވެފައިވާ ތަން، 1414އަށް އެސްއެމްއެސް ކޮށްގެން ބެލޭނެކަމަށް ޙަބީބް ވިދާޅުވިއެވެ.

"ވޯޓުލާ މީހާ އޭނާގެ އަމިއްލަ ރަށް ނޫން އެހެން ތަނެއްގައި، ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ކަމަށްވަންޏާ، ރީ-ރަޖިސްޓްރީ ކުރުން. މާދަމާ 7 ދުވަހުގެ މުއްދަތަކަށް ރީ-ރަޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލާނަން." ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މަރުޙަލާ މިފަހަރު ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ. އަދި އީ-ފާސް ބޭނުންކޮށްގެންވެސް ރީ-ރަޖިސްޓަރވެވޭނެކަމަށް ވިދާޅުވިއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅަން ދަތިވާ ފަރާތްތަކުން އިންތިޚާބާ ބެހޭ މައި މަރުކަޒަށް ދިއުމުން އެފަރާތްތަކަށް ކޮމިޗަންގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޙަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލީ މިމަހުގެ 10ގައެވެ. މި ފުރުޞަތު މިމަހުގެ 21އަށް ވަނީ ހަމަވެފައެވެ. މިމުއްދަތުގައި ހުށަހެޅި ޝަކުވާތަކަށް ރިޢާޔަތް ކުރުމަށްފަހު، އައު ބަދަލުތަކާއެކު ވޯޓަރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރެއްވީ އަންގާރަދުވަހުއެވެ. ވޯޓަރސް ލިސްޓަށް ކުރިން ހުށަހެޅި ޝަކުވާތަކަށް ރިޢާޔަތްނުކޮށް ހުރިނަމަ، އެކަމަށް ޝަކުވާ ހުށަހެޅުމަށްވެސް ކޮމިޝަނުންވަނީ ހުޅުވާލާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ.