ޚަބަރު

އައްޑޫގައި ހުރި ޓްރާންސްފޯމަރެއް ގެންގޮސް ފުވައްމުލަކަށް ކަރަންޓު ދީފި


ފުވައްމުލައް ސިޓީގެ އިންޖީނުގޭގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެރަށުގެ ދެ އަވަށުން ކަރަންޓް ކެނޑުމާ ގުޅިގެން އައްޑޫ ސިޓީގައި ހުރި ޓްރާންސްފޯމަރެއް ގެންގޮސް ކަރަންޓުދީފިއެވެ.

ފުވައްމުލަކު ސިޓީގައި ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހަލާކުވެ ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައިވަނިކޮށް ޓްރާންސްފޯމަރު ފަޅައިގެން ގޮސް ކަރަންޓް ކެނޑުނީ ފުވައްމުލަކުގެ މިސްކިތްމަގާއި މާދަނޑު އަވަށުންނެވެ.

ފެނަކައިން ބުނީ ފުވައްމުލައް ސިޓީގެ 08 ނަމްބަރު ސަބް ސްޓޭޝަނަށް ދިމާވި މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީން ގެންދިޔަ 1000 ކިލޯވޮޓުގެ ޓްރާންސްފޯމަރ އިންސްޓޯލް ކުރުމަށްފަހު އެސިޓީގެ މިސްކިތްމަގު އަވަށާއި މާދަނޑު އަވަށަށް ރޭ 1:16 ގައި ކަރަންޓު ފޯރުކޮށްދީފައިވާކަމަށެވެ.

ފުވައްމުލަކުގައި ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރަށް މަިމަހުގެ 11 ވަނަ ދުވަހު ބޮޑު ގެއްލުމެއް ލިބި ހަލާކުވުމާ ގުޅިގެން ފުވައްމުލަކު ސިޓީން ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓް ކަނޑަން ޖެހުނެވެ. އެހެންކަމުން ގައްދޫގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓް ގެންދިއުމުގެ މަސައްކަތް މިމަހުގެ 12 ވަނަ ދުވަހު ފެށިއެވެ. ނަމަވެސް ގައްދޫގައި ހުރި އެ ޖަނަރޭޓަރު ގެންދިޔަ ނުދީ ގައްދޫގެ ބައެއް ރައްޔިތުން ވަނީ އިޙްތިޖާޖްކޮށްފައެވެ.

ފެނަކައިން ބުނީ ފުވައްމުލަކުގެ ކަރަންޓް މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުވައްމުލަކަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެމަސައްކަތް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށް ފެނަކައިން ބުނެއެވެ.