ނިމިގެންދިޔަ ސަރުކާރުން އަމަލުކުރިގޮތުން ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށްކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަލުން އަހަރަކު އެއް ފަހަރު ނެރޭ ރިޕޯޓްގައި ހާމަކޮށްފިއެވެ.
ޓްރާންސްޕޭރަންސީ އިންޓަރނޭޝަލުން ނެރޭ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް ރިޕޯޓަކީ ބައިނަލްއަޤްވާމީ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެކި ޤައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ވަޒަންކުރާ ރިޕޯޓެކެވެ.
މިދިޔަ އަހަރު އެއްކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަލުން ނެރުނު 2023 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް ރިޕޯޓުގައިވާ ގޮތުން ރާއްޖެ ދިޔައީ އަނެއްކާވެސް ފަހަތަށެވެ. އެގޮތުން މިދިޔަ އަހަރުގެ އިންޑެކްސް ދައްކާގޮތުން ރާއްޖެއަށް ލިބިފައިވަނީ ސަތޭކައަކުން 39 ޕޮއިންޓެވެ. އަދި އިންޑެކްސް ރޭންކުގައި ރާއްޖެ އޮތީ 180 ޤައުމުގެ ލިސްޓުގެ 93 ވަނައިގައެވެ.
2023 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ފަހަތަށް ގޮސްފައިވާއިރު، 2022 ވަނަ އަހަރު އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށެވެ. 2022 ވަނަ އަހަރު މި އިންޑެކްސްގައި ސަތޭކައަކުން ރާއްޖެއަށް ލިބުނީ 40 ޕޮއިންޓެވެ. އަދި ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް ރޭންކުގައި ރާއްޖެ އޮތީ 180 ޤައުމުގެ ލިސްޓުގެ 85 ވަނައިގައެވެ.
މިދިޔަ 5 އަހަރަށް ބަލާލިނަމަވެސް ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ގޮސްފައިވަނީ ފަހަތަށްކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަލްގެ ރިޕޯޓްތަކުން ދައްކައެވެ. އެގޮތުން 2019، 2020، 2021، 2022 އަދި 2023 ވަނަ އަހަރުވެސް ރާއްޖެއަށް ޕޮއިންޓް ލިބިފައިވަނީ 50 އަށްވުރެ ދަށުންނެވެ. ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް މިދިޔަ 5 އަހަރު ލިބިފައިވާ ޕޮއިންޓްތަކުން ދައްކާގޮތުން ރާއްޖެ ހިމެނެނީ ކޮރަޕްޝަން އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައެވެ.
މިދިޔަ 5 އަހަރު ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ކޮރަޕްޝަނާބެހޭ ހޭލުންތެރިކަން އިތުރުކޮށް، ނަޒާހަތްތެރި މުޖުތަމަޢައެއް ބިނާކުރުމަށް ޢިލްމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް ވަނީ މި ސަރުކާރަކީ ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ އަަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި ނަމަ، އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.