ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގެ ދަށުން ސްކޫލުތަކަށް އަމާޒުކޮށްގެން ސްކޫލް ސްޕޯޓްސް ޕްރޮގްރާމެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ސްކޫލުތަކުން ނެރެމުން އަންނަ އެކެޑަމިކް ކަލަންޑަރާއި ކުޅިވަރު ކަލަންޑަރު ފުށޫއެރުމުގެ ސަބަބުން އެންމެ އެދެވޭ ނަތީޖާ ނުފެންނަ ކަމަށެވެ.
ބައެއް ހާލަތްތަކުގައި ކިޔެވުން ނިންމާލުމަށްފަހު އަރާމުކުރުމެއް ނެތި ކުޅިވަރު ކުޅެންދިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސްކޫލް ސްޕޯޓްސް ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް އެންމެ ފައިދާވާނެ ގޮތަށް ކުޅިވަރު ކުޅުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
އަދި ރާއްޖޭގައި ރީޖަނަލް ހަބުތަކެއް ގާއިމުކޮށް، އެ ސަރަހައްދުތަކުން މުބާރާތްތައް ގެންދެވޭނެ ގޮތަކާއި، އިދާރީ ގޮތުން އެ މަސައްކަތް ރާވާލިވެގެން، ސްކޫލް ސްޕޯޓްސް ޕްރޮގްރާމް ގެންދިޔުމުގެ ވިސްނުން އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގައި ހިމެނޭޭ ހުރިހާ ކަމެއް އެއް ފަހަރާ ކުރިއަށްގެންދިޔުމުގެ ބަދަލުގައި، ބޮޑަށް ބައްލަވާނީ ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށްގެންދިޔުން ކަމަށެވެ.
"މި އަހަރުގެ ތެރޭގައި ކުރާނީ ކޮންމެއްތޯ، ހަ މަސް ނިމޭއިރު ކޮބާތޯ އަޅުގަނޑުމެންގެ ޓާގެޓަކީ. މިއީ އަޅުގަނޑުމެން މިކަންކުރާނެ ގޮތަކީ.ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
މީގެ އިތުރުން ވަޒީރު ވަނީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލާ ގުޅޭގޮތުން 20 އަހަރު ދުރުރާސްތާ ޕްލޭނެއް ހެދުމަށް ހަމަޖެހިފަވާކަންވެސް މި ޕްރޮގްރާމުގައި ހިއްސާކުރައްވާފައެވެ.