ޚަބަރު

މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ ޑިޒައިންކުރަން ހުޅުވާލައިފި


މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމަށްޓަކައި ތަފްސީލް ޑިޒައިން ހެދުމާއި، ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކުރައްވައިފިއެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މެއި މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. މިމަސައްކަތް ހަވާލުކުރެވޭ ފަރާތުން 120 ދުވަހުގެ ތެރޭގައި ތަފްސީލް ޑިޒައިން ނިންމަންޖެހޭ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމަކީ، ޒަމާނީ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެއްވުމުގެ މަޤްސަދުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދަވަން ނިންމަވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމިގެންދާއިރު، ކަރަންޓްގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ކަރަންޓް ވިއުގައިގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅާލުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ. އެމް.ޑަބް.ލިއު.އެސް.ސީން ވިދާޅުވެފައިވަނީ ބްރިޖްގެ މަސައްކަތް ނިމުމުގެ ކުރިން ފެނުގެ ނިޒާމު ގުޅުވާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.

މާލެ ހުޅުލޭ ބްރިޖް ފަރުމާކޮށްފައިވަނީ ފެނާއި ކަރަންޓާއި، އަދި އެހެނިހެން ނެޓްވޯކްތައް ވެސް ގުޅާލެވޭފަދަ ގޮތަކަށެވެ.