އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުން ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފަސްވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދާފައިވަނީ ހަތަރުވަނަ ބުރުގައި ރޭ ނޮރިޗް ސިޓީ އަތުން އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ އެ ޓީމުގެ ކޯޗުކަމުން ޔާގަން ކްލޮޕް ވަކިވާނެކަން ހާމަކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ ކާޓިސް ޖޯންސް ޖެހި ލަނޑުންނެވެ. އެކަމަކު ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ، ނޮރިޗުގެ ބެން ގިބްސަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެވަނަ ފަހަރަށް ލިވަޕޫލުން ލީޑު ނަގާފައިވަނީ 28 ވަނަ މިނެޓުގައެވެ. މިއީ ޑާވިން ނުނޭޒް ކާމިޔާބުކުރި ލަނޑެކެވެ. މި ހާފުގައި ދެން އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ޑިއޯގޯ ޖޮޓާ، ވާޖިލް ވެން ޑައިކް އަދި ރަޔަން ގްރޭވަންބާކެވެ. ދެވަނަ ހާފުގައި ނޮރިޗުގެ ދެވަނަ ލަނޑު ޖަހައިދިނީ ބޯރްޖާ ސައިންޒްއެވެ.
މީގެ އިތުރުން ޔުނައިޓެޑު މޮޅުވީ ރަށުން ބޭރުގައި ނިއުޕޯޓް ކައުންޓީ އަތުން 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް އަދި ކޯބީ މައިނޫ ޖެހި ދެ ލަނޑާއެކު ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއް ހޯދިއެވެ. އެކަމަކު ފުރަތަމަ ހާފުގައި ބްރައިޔަން މޮރިސް ޖެހި ލަނޑާއި ދެވަނަ ހާފުގެ ކުރީކޮޅު ވިލް އެވަންސް ޖެހި ލަނޑާ އެކު، ނިއުޕޯޓް ކައުންޓީން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ޔުނައިޓެޑުން އަލުން ލީޑު ހޯދީ 68 ވަނަ މިނެޓުގައި އެންތަނީ ޖެހި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ފޯވަޑް ރަސްމަސް ހޮއިލުންޑް ވަނީ ޔުނައިޓެޑަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.