އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކުލަބު ބަލިކޮށް، ކުއާޓާ ފައިނަލުގެ ޖާގައެއް ކުޑަ ހެންވޭރުން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގުރޫޕުގެ ފަހު މެޗު ކުޑަ ހެންވޭރުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ހަތްވަނަ މިނެޓުގެ ތެރޭގައި ކުޑަ ހެންވޭރަށް ލީޑު ނަގައިދިނީ ޝަހީމް އަބްދުލް ގާދިރެވެ. އަދި ކުޑަ ހެންވޭރުން ލީޑު ފުޅާކުރީ މެޗުގެ 61 ވަނަ މިނެޓުގައި ޒައިދާން އަބްދުﷲ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ހަ މިނެޓު ފަހުން ކުޑަ ހެންވޭރަށް ތިންވަނަ ލަނޑެއް ޖަހައިދިނީ ޔޫސުފް ޝާއިފެވެ. އަދި މި މެޗުގައި ކުޑަ ހެންވޭރުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ފާރިހެވެ.
މަހިބަދޫން މި މެޗުގައި ލަނޑެއް ޖެހުމުގެ ކުރިން އެ ޓީމުގެ އާދަމް ފަހުމާން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގައި މަހިބަދޫން ޖެހި ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އަފްލާމް އަލީއެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ކުޑަ ހެންވޭރުން ކުއާޓާއަށް ދިޔައީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ މަގާމާއެކުއެވެ. މި ގުރޫޕުގެ އެއްވަނައިގައި އޮތް މަސްއޮޑި ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއެކުއެވެ.
މި މެޗުން ބަލިވި މަހިބަދޫއަށް އޮތް ފުރުސަތަކީ ތިންވަނައިގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމުގެ ތެރޭގައި ހިމެނިގެން މުބާރާތުގެ ކުއާޓާފައިނަލަށް ދިއުމެވެ. އެހެންނަމަވެސް ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަނުމުން އެ ފުރުސަތުވެސް މިހާރު ކުޑަކަމަށް ބެލެވެއެވެ.
ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ވާދަކުރުމުގެ ފުރުސަތު އޮތްއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭނީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.