ޚަބަރު

ރުހުން ދިނަސް ނުދިނަސް، ވަޒީރުންގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ: ޢަބްދުއްރަޙީމް


  • ވަޒީރުންނަށް ރުހުން ނުދިނުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން

  • ރުހުން ނުދިނުމަކީ ރައްޔިތުންގެ ފިކުރާއި، ވިސްނުމާއި ދެކޮޅުވުން

  • ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނަސް ނުދިނަސް، ވަޒީރުންގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ބައެއް މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެންނެވެ. މިކަމާއި ގުޅިގެން މަޖިލިސްކުރާގެ ކައިރީގައި ބަޔަކުދަނީ އަޑުއުފުލަމުންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ ޑރ. މުޢިއްޒުގެ ވަޒީރުން ތިއްބެވީ ރުހުން ދޭތޯ ނުވަތަ ނުދޭތޯ ބެލުމަށްފަހު ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނޫން ކަމަށާއި، ވަޒީރުން ތިއްބެވީ ރައްޔިތުންނަށް ކުރަންޖެހޭ ކޮންމެ ޚިދުމަތެއް ކޮށްދެއްވަން ތައްޔާރައް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ރުހުން ދިނަސް ނުދިނަސް ރައްޔިތުންނަށް ވަޒީރުން ކުރައްވާ ޚިދުމަތަށް މަޑުޖެހުމެއް ނާންނާނެކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ޑިމޮކްރަސީ ދަންނަކަމެއް ނޫން ކަމަށެވެ. އަދި ޤާނޫނު އަސާސީން ވެރިކަން ހިންގުމަށް ފަސޭހަކުރުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހެއް އެކުލަވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ކަމަށާއި، އުސޫލެއްގެ ދަށުން ވަޒީރުންނަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ފިކުރާއި، ވިސްނުމާއި، ދެކޮޅު ހެދުންކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރުހުން ނުދިނުން ސިފަކުރެވެނީ ޤައުމަށްވާ ޚިޔާނާތެއްގެ ގޮތުގައި ކަމަށެވެ.

"ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ފިކުރުތަކާއި ވިސްނުމާއި ދެކޮޅު ހެދުންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އަދި އަޅުގަނޑު ސިފަކުރާނީ ރުހުން ނުދިނުމަކީ އެބޭފުޅުން ޤައުމަށްވާ ޚިޔާނާތެއްގެ ގޮތުގައި." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ވަޒީރުންނަށް ރުހުންދިނުމަށްފަހު، އެ ބޭފުޅުން ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމެއްކުރާނަމަ، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއްލާ މަޤާމުން ވަކި ކުރުމުގެ ފުރުޞަތު މެންބަރުންނަށް އޮތް ކަމަށެވެ. އަދި މަޖިލީހުން ރުހުން ނުދިނުމަކީ ކަނޑައެޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމަށް ސަރުކާރަށް ހުރަސްއެޅުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ސަރުކާރު އަބަދުވެސް ދާނީ ވަރަށް ހަލުވި ކަމާއެކު ކުރިއަށްކަމަށާއި، ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ ތެދުވެރި ނިޔަތެއްގައި އިޚުލާސްތެރި ހިތަކާއެކު ވެރިކަންކޮށްދެއްވުމަށްކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.